ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026 އަދި އައިލެންޑް އިންވެސްޓްމަންޓް ފޯރަމްގައި ދިވެހި ޕެނަލިސްޓުންގެ ފަރާތުން ފެނިގެންދިޔަ ވަރުގަދަ އަދި މުހިންމު ހުށަހެޅުންތަކާ މެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ސަޢީދު ފާހަގަކުރެއްވި ގޮތުގައި، މި ފޯރަމްގެ ތެރެއިން މާލީ ވަސީލަތްތައް ފަހިކުރުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، އަމިއްލަ ވިޔަފާރިތަކުގެ އިސްނެގުމުގައި ހޯދޭ ކުރިއެރުމުގެ އިތުރުން ޑިޖިޓަލައިޒޭޝަން އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދާއިރާތަކުން ދިވެހި ޕެނަލިސްޓުން ވަނީ އަގުހުރި ޚިޔާލުތަކާއި މައުލޫމާތުތައް ހިއްސާކޮށްފައެވެ. މީގެއިތުރުން، ދިވެހި އުފެއްދުންތަކާއި ވިޔަފާރިތައް ދައްކާލުމަށް ލިބުނު ފުރުސަތުވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

Ad
rt

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ފޯރަމް އިފްތިތާޙު ކޮށްދެއްވުމާއެކު، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ނުވަތަ ސިޑްސްގެ ޤައުމުތަކުގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއި، ވިލުންވެރިކަން އަދި އެންމެންގެ ބައިވެރިވުން ހިމެނޭ އިޤްތިޞާދީ ކުރިއެރުން ކުރިއެރުވުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ވަނީ އަލުން ކަށަވަރުކޮށްދީފައިކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ބިނާކުރަނިވި މަޝްވަރާތަކާއި، ޢިލްމު ހިއްސާކުރުމާއި، ގުޅުން ބަދަހިކުރުމުގެ ފުރުސަތުތަކަށްޓަކައި އދ. އަދި ސިޑްސްގެ ހުރިހާ ޤައުމުތަކަށާއި ބައިވެރިންނަށް ވަޒީރު ވަނީ އިޚްލާޞްތެރި ޝުކުރު އަދާކުރައްވާފައެވެ. އަދި މި މަޝްވަރާތައް ޢަމަލީ ސިފައަކަށް ބަދަލުކުރުމުގެ މުހިންމުކަން ވަޒީރު ސަޢީދު ވަނީ ފާހަގަކުރައްވާފައެވެ.