ފަތުރުވެރިކަމުގެ މުޅި ސިނާޢަތް ހަލާކު ކޮށްލުމުން އޭގެ އަސަރު ރާއްޖޭގެ ހުރިހާ އާއިލާތަކަށްވެސް ކުރާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ކެމްޕޭން ފައްޓަވާފައިވާ ދަނޑިވަޅެއްގައި، ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Ad
rt

ރާއްޖެ ޓީވީގެ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ފަތުރުވެރިކަމަކީ ދިވެހިންގެ "ރަން ބިސް އަޅާ ކުކުޅު" ކަމަށާއި އަދި އެ ސިނާޢަތަކީ ދިވެހި އިގްތިސާދުގެ މައިބަދަ ކަމަށް ވިދާޅުވިއެވެ. ޝާހިދު ވަނީ އިންވެސްޓަރުންގެ އިތުބާރު ގެއްލުވާލައިގެން ސަރުކާރުން އެ މައިބަދަ ބިންދާލާފައިވާ ކަމަށް ވިދާޅުވެ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

ޝާހިދު ވިދާޅުވީ، އިގްތިސާދު ހަމަމަގަށް އެޅުވޭނީ އިންޑަސްޓްރީގެ އަޑު އަހައިގެން ކަމަށާއި ރާއްޖޭގެ އިގްތިސާދު ފުނޑިގެން ދިއުމަކީ އެއްވެސް މީހެއްގެ މަސްލަހަތު އޮތް ކަމެއް ނޫން ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ ސިޔާސީ ކަންކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އެމަނިކުފާނުގެ ކެމްޕޭނުގެ މަސައްކަތްތައް ހިނގަމުންދާނީ ވާދަވެރިންނާ އެކު ކަމަށާއި އެމްޑީޕީގެ މެންބަރުންނާ ނުލައި ޕްރައިމަރީގައި ކާމިޔާބެއް ނުލިބޭނެ ކަމަށެވެ. އަދި ޕްރައިމަރީގައި އެމަނިކުފާނާ ދެކޮޅަށް ނުކުންނަ ޕާޓީގެ މެންބަރުންނަކީ އިދިކޮޅު ފަރާތްތަކެއް ނޫން ކަމަށާއި އެއީ ވާދަވެރިން ކަމުގައި ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އެމްޑީޕީ ސިޔާސީ ޕާޓީއަކަށް ވަނީ އެންމެން އެކުގައި ތިބެގެން ކަމަށާއި، ޕާޓީގެ މައި މަގުސަދަކަށް ވާންވާނީ ދިވެހިރާއްޖެ ފުދުންތެރި ރާއްޖެއަކަށް ބަދަލުކޮށް ރައްޔިތުންނަށް ގޮތެއް ހޯދައިދިނުން ކަމަށް ޝާހިދު ވިދާޅުވިއެވެ.