ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާގެ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވާ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގަވަރުނަރު ވިދާޅުވީ، ރާއްޖެއަށް ޑޮލަރު ލިބޭ މިންވަރު އިތުރުކުރުމަށް މުހިންމު ތިން ފިޔަވަޅެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ 20 ޕަސަންޓު އެމްއެމްއޭއަށް މާރުކުރަން ޖެހޭ ގޮތަށް އޮތް އިސްލާހު ބަދަލުކޮށް، އެ އަދަދު 40 ޕަސަންޓަށް އިތުރުކުރުމަށް ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހު ކުރުން ހިމެނެއެވެ. އަދި ރިސޯޓުތަކުން އެމްއެމްއޭއަށް ޑޮލަރު މާރުކުރަން ޖެހޭ މުއްދަތު ތިން ދުވަހުން އެއް ދުވަހަށް ބަދަލުކުރުމާއި، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން އެ ޑޮލަރު ހޭދަކުރާ ގޮތް މޮނިޓާކުރުން ހަރުދަނާކުރުން ވެސް ހިމެނެއެވެ. މުނައްވަރު ވިދާޅުވީ ޑޮލަރުން އާމްދަނީ ލިބޭ ބައެއް ފަރާތްތަކުން ބްލެކްމާކެޓުގައި ޑޮލަރު މާރުކުރަމުންދާ ކަމަށެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކަށް ދެ އިހުތިޔާރެއް އޮވެއެވެ. އެއީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރުގެ މަގުން މާރުކުރުން ނުވަތަ އާމްދަނީގެ 20 ޕަސެންޓު މާރުކުރުމެވެ. ނަމަވެސް، ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އިހުތިޔާރު އުވާލައި، ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 ޕަސެންޓު ކޮންމެ މަހަކު ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ގާނޫނު އިސްލާހުކުރަން ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
މުނައްވަރު އިތުރަށް ވިދާޅުވީ، އެމްއެމްއޭއަށް ޑޮލަރު މާރުކުރާ މިންވަރު 40 ޕަސަންޓަށް އިތުރުކުރުމުން ބޭންކުތަކަށް ޑޮލަރު ދޫކުރެވޭ މިންވަރު އިތުރުވެގެންދާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ވިޔަފާރިތަކުގެ ޓީޓީތަކަށް ބޭންކުތަކުން ދޫކުރާ ޑޮލަރުގެ މިންވަރުވެސް އިތުރުކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ވިޔަފާރިތަކަށް އިމްޕޯޓަށް ބޭނުންވާ ޑޮލަރު ނުލިބޭ މައްސަލަ ހައްލުކުރެވެން އޮތް ހަމައެކަނި ގޮތަކީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ދާއިމީ ގޮތެއްގައި ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކޮށްގެން ކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ. އަދި ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން މިދިޔަ މަހުގެ ނިޔަލަށް އެމްއެމްއޭއަށް މާރުކުރި ޑޮލަރުގެ ތެރެއިން 56 ޕަސެންޓު ބޭނުންކޮށްފައި ވަނީ ދައުލަތުގެ ދަރަނިތައް ދެއްކުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ވިޔަފާރިތަކުން ވިއްކާ މުދަލާއި ދޭ ހިދުމަތްތަކުގެ އަގު ދިވެހި ރުފިޔާއިން ނެގުމަކީ އެމްއެމްއޭ އިން އަބަދުވެސް ގެންގުޅެމުން އަންނަ އަމާޒެއް ކަމަށް މުނައްވަރު ވިދާޅުވިއެވެ. މިގޮތުން ކުރީގެ ގަވަރުނަރުން ކަމަށްވާ އަލީ ހާޝިމާއި، އަހްމަދު ނަސީރާއި، ޑރ. އަޒީމާ އާދަމް އަދި ޑރ. ފަޒީން ނަޖީބުގެ ވެސް އަމާޒަކީ އެއީ ކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!