"އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026"ގެ ހދ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ހަނިމާދޫ ހޯދައިފިއެވެ.

ހަނިމާދޫ މި މުބާރާތުގެ ތަށި އުފުލައިލީ މިރޭ ކުޅުނު ފައިނަލް މެޗުގައި ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ތަށި ކާމިޔާބުކޮށް ފުޓްސަލްގައި ބޮޑެތި މުބާރާތްތަކުން 12 ތަށި ހޯދާފައިވާ މިވަގުތު ރާއްޖޭގެ ފުޓްސަލް ރަސްގެފާނު ނައިވާދޫ 2-0 އިން ބަލިކޮށްގެންނެވެ.

Ad
rt

މެޗުގައި ހަނިމާދޫގެ ދެ ލަނޑުވެސް ފެނިގެން ދިޔައީ ފުރަތަތަމަ ހާފުގައެވެ. މިގޮތުން ހަނިމާދޫ އަށް ފުރަތަމަ ލަނޑު ޖަހައިދިނީ އަލީ ހުސައިން (ދަގަނޑޭ)ގެ ޕާހަކުން ނޫރުﷲ ތޯހާ އެވެ. އަދި ހަނިމާދޫގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދިނީ މުހައްމަދު ހާލިދު (ކައްޓާ) އެވެ.

މެޗު ނިމެންދަނިކޮށް ހަނިމާދޫގެ ފައުލް ހަމަވެ ނައިވާދޫ އަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް އެ ޕަނަލްޓީ ހަނިމާދޫގެ ކީޕަރު ޢަބުދުﷲ މުހައްމަދު ވަނީ ހުޝިޔާރުކަމާއެކު ދިފާޢުކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީވެސް މެޗުގައި މޮޅު ސޭވްތަކެއްކުރި އަބުދުﷲ އެވެ.

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 މުބާރާތުގައި ނައިވާދޫން ފެނުނު ގިނަ ތަރިން ތަކެއް މިރޭ އެޓީމަށް ކުޅެފައިވާއިރު، އެ ތަރިންނާއެކު ނައިވާދޫ އުފެއްދި ވަރުގަދަ ހަމަލާތަކުން ހަނިމާދޫގެ ގޯލް ފޫއަޅުވައިނުލެވި މެޗު ވަނީ ނިމިފައެވެ.

މި މުބާރާތުގެ މޮޅު ފަސް ކުޅުންތެރިން:

  • މުހައްމަދު ޝާއިން، ޖޯޒީ ނަންބަރު 73، ޓީމް ނައިވާދޫ
  • ޢަބުދުﷲ ވިޝާމް، ޖޯޒީ ނަންބަރު 29، ޓީމް ނައިވާދޫ
  • މުހައްމަދު އަސްލަމް، ޖޯޒީ ނަންބަރު 71، ޓީމް ނައިވާދޫ
  • ނޫރުﷲ ތޯހާ، ޖޯޒީ ނަންބަރު 11، ޓީމް ހަނިމާދޫ
  • ޢަބުދުﷲ މުހައްމަދު، ޖޯޒީ ނަންބަރު 20، ޓީމް ހަނިމާދޫ (ހަނިމާދޫގެ ކީޕަރު)

މި މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައި ވަނީ ނޮޅިވަރަންފަރުގެ ޖޯޒީ ނަންބަރު 10 މުހައްމަދު ޝާމިލް ފަތުހުﷲ އެވެ.

މި މުބާރާތުގައި އެންމެ ގިނަ ގޯލް ޖަހައި ތިން ކުޅުންތެރިއަކު ވަނީ ރަން ބޫޓު ހޯދާފައެވެ. އެ ކުޅުންތެރިންނަކީ ހަނިމާދޫގެ ޖޯޒީ ނަންބަރު 11 ނޫރުﷲ ތޯހާ އާއި ނައިވާދޫގެ ޖޯޒީ ނަންބަރު 73 މުހައްމަދު ޝާއިން އަދި ނައިވާދޫގެ ޖޯޒީ ނަންބަރު 29 ޢަބުދުﷲ ވިޝާމް އެވެ. އަދި މުބާރާތުގެ ފެއަރޕްލޭ ކުޅުންތެރިއަކީ ވެސް ވިޝާމެވެ.

މުބާރާތުގެ އެންމެ ކޯޗަކަށް ހޮވިފައި ވަނީ އިބްރާހިމް ތަސްނީމް އެވެ. މުބާރާތުގެ ފެއަރޕްލޭ ޓީމަކީ ކުރިނބީއެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، ކިންގް އޮފް ދަ ޓޯނަމަންޓް އަކަށް ހޮވިފައި ވަނީ ޓީމް ހަނިމާދޫގެ ޖޯޒީ ނަންބަރު 11 ނޫރުﷲ ތޯހާއެވެ.

މި މުބާރާތުގެ ހއ. އަތޮޅުގެ ޗެމްޕިއަނަކީ އިހަވަންދޫ އެވެ .ހއ. އަތޮޅަކީ ފުޓްސަލްގައި ވަރުގަދަ ޓީމުތަކެއް ފެންނަ އަތޮޅެއްނަމަވެސް އެ އަތޮޅުން މި މުބާރާތުގައި ބައިވެރިވީ އިހަވަންދޫ އާއި ފިއްލަދޫ އެކަންޏެވެ. އެހެންވެ އެއަތޮޅު މުބާރާތުގައި ކުޅުނީ ފައިނަލް މެޗު އެކަންޏެވެ. މި މެޗު ކާމިޔާބުކޮށް އިހަވަންދޫ ހއ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ 5-0 އިން ފިއްލަދޫ ބަލިކޮށްގެންނެވެ.

ފާހަގަކޮށްލެވޭގޮތުގައި އެފްއޭއެމް އިން މިއަހަރު އަލަށް ފެށި އެޓޯލް ޗެމްޕިއަންޝިޕް 2025/26 ފުޓްބޯޅަ މުބާރާތުގެ ހއ. ބުރުގައި ވެސް ވާދަކުރީ ދެ ޓީމެވެ. އެއީ އިހަވަންދޫ އާއި ދިއްދޫއެވެ. ނޯތު ރީޖަންގެ ޗެމްޕިއަން ޓީމުގެ ގޮތުގައި ދިއްދޫ މިހާރު ވަނީ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވެފައިވުމަށް ކުޅުނު ޕްލޭއޮފް މެޗުތަކުގައި ރާއްޖޭގެ އަނެއް ތިން ރީޖަންގެ ޗެމްޕިއަން ވެސް ބަލިކޮށް، 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވެސް ވެފައެވެ.

އިހަވަންދޫ، ފިއްލަދޫ، ހަނިމާދޫ އަދި ނައިވާދޫ އަށް ދެން އޮންނާނީ ޒޯން ބުރެވެ.

ބޮޑުތިލަދުންމަތީގައި ހިމެނޭ އަނެއް އަތޮޅު ށ.އަތޮޅުން މި ދެ މުބާރާތުގައި ވެސް އެއްވެސް ޓީމެއް ނުފެނެއެވެ. އެކަމަކު، އެ އަތޮޅަކީ ވެސް ފުޓްސަލް އާއި ފުޓްބޯޅާގައި ވެސް ވަރުގަދަ ޓީމުތަކެއް ފެންނަ އަތޮޅެކެވެ.

ރާއްޖޭގެ ފުޓްބޯޅަ އޮނިގަނޑު މިހާރު ތަރުތީބުކުރެވިފައިވާ އުސޫލުން، ހަތަރު ރީޖަނަކަށް ބަހާލައިގެން އެފްއޭއެމް އިން ބާއްވާ މި މުބާރާތް ވެސް ވަނީ ހަތަރު ރީޖަނަންއަކަށް ބަހާލާފައެވެ. އެއީ އެޓޯލް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ވެސް ކުރިއަށް ގެންދިޔަ ގޮތަށެވެ. އެ ރީޖަންތަކަކީ ނޯތު ރީޖަން (ހއ، ހދ، ށ، ނ، ރ، ބ، ޅ އަދި ކުޅުދުއްފުށި ސިޓީ)، ސެންޓްރަލް ރީޖަން (ކ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅު)، ސައުތު ރީޖަން (ތ، ލ، ގއ، ގދ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ) އަދި މާލެ ރީޖަން (މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ކްލަބްތައް (ފުރަތަމަ، ދެވަނަ އަދި ތިންވަނަ ޑިވިޝަން) އެވެ.

ކޮންމެ ރީޖަނެއްގެ ޗެމްޕިއަން ޓީމު އެފްއޭއެމްގެ ފުޓްސަލް ނެޝަނަލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެ އެވެ. އަދި، ކޮންމެ ރީޖަނެއްގެ ޗެމްޕިއަަންގެ މެދުގައި މުބާރާތެއް ކުޅުމަށް ފަހު ރާއްޖޭގެ ޗެމްޕިއަން ޓީމު ކަނޑައެޅޭނެ އެވެ. އަދި، ނެޝަނަލް ޗެމްޕިއަންޝިޕަށް ކޮލިފައިވާ ހަތަރު ޓީމު، 2027 ވަނަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި ކުޅޭނެ އެވެ.