ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.8 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް (ކަސްޓަމްސް) އިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން އަތުލައިގެންފައިވާ މި މަސްތުވާތަކެއްޗަކީ ކެނެބިސް ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. ކަސްޓަމްސްއިން ބުނި ގޮތުގައި، މި ތަކެތި އަތުލައިގެންފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

Ad
rt

މި މަސްތުވާތަކެތި ފެނިފައި ވަނީ ވައިގެ މަގުން ރާއްޖެއަށް ގެނެސްފައިވާ އެއާފްރައިޓް ޝިޕްމެންޓެއްގެ ތެރެއިން ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އެއާފްރައިޓް ޝިޕްމެންޓު ބަލައިފާސްކުރީ އޭގެ ތެރޭގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވިގެން ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރިކަމެއް ނުވަތަ ނޫންކަމެއް މިހާތަނަށް ފުލުހުން ހާމައެއް ނުކުރެއެވެ.

ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް މިދިޔަ ހަފުތާގައި ވެސް ވަނީ 3.2 ކިލޯގެ ކެނެބިސް އަތުލައިގެންފައެވެ. ނަމަވެސް، އެ މައްސަލައާ ގުޅިގެން ވެސް މީހަކު ހައްޔަރުކުރިކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.