އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެ ގައުމުގެ އިސް ވެރިންތަކެއް ހައްޔަރުކުރުމުގެ ރަސްމީ އަމުރެއް ތުރުކީވިލާތުގެ ކަމާބެހޭ ފަރާތްތަކުން ނެރެފިއެވެ.
މި އަމުރު ނެރެފައިވަނީ ނަތަންޔާހޫގެ އިތުރުން އިސްރާއީލުގެ އިސް އެތައް އޮފިޝަލުންނަކާ ދެކޮޅަށެވެ.
ތުރުކީގެ ޝަރުއީ އިދާރާތަކުން ނެރުނު މި އަމުރުތަކުގައި ފާހަގަކޮށްފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި ޣައްޒާގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކާ ގުޅިގެން ހިންގާފައިވާ ގަތުލުއާންމާއި، އިންސާނިއްޔަތާ ހިލާފު ޖަރީމާތައް އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލުތައް ހިމެނެއެވެ. މީގެ އިތުރުން 'ގްލޯބަލް ސުމޫދު ފްލޮޓިލާ' ހިމެނޭހެން އިންސާނީ އެހީ ފޯރުކޮށްދޭ އުޅަނދުތަކަށް އިސްރާއީލުން ހުރަސްއެޅި މައްސަލަތަކާ ގުޅިގެން ހިންގާފައިވާ ތަހުގީގުތައް ވެސް މި މައްސަލައިގެ ތެރޭގައި ހިމަނާފައިވެއެވެ.
މި އަމުރުގެ ދަށުން ބޮޑުވަޒީރު ނަތަންޔާހޫގެ އިތުރުން އިސްރާއީލުގެ ދިފާއީ އިސް ވެރިންނާއި، އަސްކަރީ ކޮމާންޑަރުން އަދި އަސްކަރީ ސްޓްރެޓެޖީ އާއި ކަނޑުގެ ސަލާމަތީ ކަންކަމުގައި ބައިވެރިވި ކެބިނެޓް ވަޒީރުން ވެސް ހައްޔަރުކުރުމަށް ވަނީ ނިންމާފައެވެ.
މި އަމުރުގެ ސަބަބުން، މި އަމުރުގައި ހިމެނޭ މީހުން ތުރުކީގެ ސަރަހައްދަށް ނުވަތަ ވައިގެ ސަރަހައްދަށް ވަދެއްޖެނަމަ ހައްޔަރުކުރުމުގެ ބާރު އެ ގައުމުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިގެންދާނެއެވެ. އެހެންނަމަވެސް، މި ފަރާތްތައް އިސްރާއީލުގައި ތިބޭހާ ހިނދަކު ވަގުތުން ހައްޔަރުކުރުމުގެ އަމަލީ ފުރުސަތު ކުޑަ ނަމަވެސް، މިއީ ބައިނަލްއަގުވާމީ ފެންވަރުގައި ސަމާލުކަން ލިބިގެންދާނެ ނިންމުމެކެވެ.
ތުރުކީން މިފަދަ ގާނޫނީ ފިޔަވަޅުތައް އެޅުމުން އިސްރާއީލުން އަބަދުވެސް ބުނަމުންދަނީ އެއީ ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށެވެ. ނަމަވެސް ރައީސް ރަޖަބް ތައްޔިބް އުރުދުޣާންގެ ސަރުކާރުން ބާރުއަޅަނީ ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި އަމަލުތަކުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!