"މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕް - 10-12 އަހަރުން ދަށުގެ މުބާރާތް" ހދ. ހަނިމާދޫގައި ބޭއްވުމަށް ނިންމާފައިވާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

މި މުބާރާތް ހަނިމާދޫގައި ކުރިއަށް ގެންދިއުމާ ގުޅޭގޮތުން، ސޮކާ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެސްވީއޭ) އިން ހަނިމާދޫ ކައުންސިލާއެކު ވަނީ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.

Ad
rt

މި ބައްދަލުވުމާއި ގުޅޭ މައުލޫމާތު ދެއްވަމުން ހަނިމާދޫ ކައުންސިލްގެ ރައީސް ޢަލީ އިބްރާހީމް " ތިލަދުން " އަށް ވިދާޅުވީ، މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕް - 10-12 އަހަރުން ދަށުގެ މުބާރާތް ހަނިމާދޫގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި މި މުބާރާތް އެރަށުގައި ކުރިއަށް ދާނީ އަންނަ ނޮވެމްބަރު 11 އިން 13 އަށް ކަމަށް ވެސް ވިދާޅުވިއެވެ.

އެސްވީއޭއާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައިފައިވަނީ، " މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕް " ހަނިމާދޫގައި އިންތިޒާމްކޮށް، ބޭއްވުމާ ބެހޭގޮތުންނާއި، ރަށުގެ ޒުވާން ކުޅުންތެރިންގެ ހުނަރު ތަރައްޤީ ކުރުމުގެ މައްޗަށް ކަމަށް ކައުންސިލްގެ ރައީސް ޢަލީ އިބްރާހީމް ވިދާޅުވިއެވެ.

އޭގެ އިތުރުން މުބާރާތުގެ އިންތިޒާމީ ކަންކަމާއި، އެ މުބާރާތަށް ބޭނުންވާ ވަޞީލަތްތައް ތައްޔާރުކުރުމާއި، އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ރަށަށް ލިބިދޭނެ ފައިދާތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެވުނުކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ހަނިމާދޫ ކައުންސިލުން ހާމަކުރާ ގޮތުގައި މައިލޯ އެކަޑަމީ ފަދަ ބޮޑު އަދި ޝަރަފްވެރި މުބާރާތެއް ހަނިމާދޫގައި ބޭއްވިގެން ދިޔުމަކީ ރަށުގެ އިޤްތިޞާދަށާއި ކުޅިވަރުގެ ދާއިރާއަށް ނުހަނު ބޮޑު ކުރިއެރުމަކާއި ފައިދާތަކެއް ލިބިގެންދާނެ ކަމެކެވެ.

މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕަށް ހަނިމާދޫގެ ފުޓްބޯޅަ ދަނޑާއި ވަޞީލަތްތައް ތައްޔާރުކުރުމަށްޓަކައި، ކައުންސިލުން ގެންގުޅޭ ސްޓްރެޖީޓިކް ޕްލޭން ބަހާލެވިފައިވަނީ އިންފްރާންސްޓްރަކްޗަރ އިތުރަށް ފުރިހަމަ ކުރުމާއި، ކުޅިވަރުގެ މާޙައުލު ތަރައްޤީ ކުރުމުގެ މައްޗަށް ކަމަށް އެ ކައުންސިލުން ބުނެއެވެ.

އެ ގޮތުން ކައުންސިލްގެ މައިގަނޑު ޕްލޭންގެ ބައިތަކަކީ:

  • ފުޓްބޯޅަ ދަނޑާއި ކުޅިވަރު ބިނާގެ ފެންވަރު މަތިކުރުން: ދަނޑަށް ވަންނަ ސަޕޯޓަރުންނާއި އޮފިޝަލުންނަށް ފަސޭހަކަމާއިއެކު މެޗްތައް ބަލައިލެވޭނެ ގޮތަށް ރޮސްޓްރަމްގެ މަސައްކަތްތައް ނިންމައި، އިށީންނާނެ ބެންޗުތައް އިތުރު ކުރުން.
  • މުބާރާތް އޮންނަ ދުވަސްވަރު، ރަށަށް އަންނަ މެހެމާނުންނަށް މަރުޙަބާ ކިޔުމުގެ ގޮތުން މަގުތަކާއި، ކުޅިވަރު ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުން.
  • ރަށު ފެންވަރުގެ މުބާރާތްތަކުން ތަޖުރިބާ ހޯދުން: މި ފަދަ ބޮޑު މުބާރާތަކަށް ތައްޔާރުވުމުގެ ގޮތުން، ރަށު ފެންވަރުގައި އިންޓަރ އޮފީސް ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތްތައް ބާއްވައި، އިންތިޒާމީ ކަންކަން ރޭވުމުގެ ޢަމަލީ ތަޖުރިބާ ހޯދުން.

މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕަކީ، ސޮކާ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެސްވީއޭ) އިން އިސްނަގައިގެން، މައިލޯގެ މައި ސްޕޮންސަރޝިޕްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ފުޓްބޯޅަ އެކަޑަމީތަކުގެ މެދުގައި ބާއްވާ ޤައުމީ ފެންވަރުގެ މުބާރާތެކެވެ. މިއީ މައިގަނޑު ގޮތެއްގައި ކުޑަކުދިންގެ އުމުރުފުރާތަކަށް (އަންޑަރ-10، އަންޑަރ-12 ފަދަ) އަމާޒުކޮށްގެން ހިންގާ މުބާރާތެކެވެ.

މި މުބާރާތުގެ ބޭނުމަކީ ފުޓްބޯޅަ އެކަޑަމީތަކުގައި ތަމްރީނުވަމުންދާ ކުދިންނަށް ވާދަވެރި މެޗުތައް ކުޅުމުގެ ފުރުޞަތު ހޯދައިދިނުމާއި، ހުނަރުވެރި ކުޅުންތެރިން ފާހަގަކޮށް، ކުޑައިރުއްސުރެ ކުޅިވަރުގެ ރޫޙު އަށަގެންނެވުމެވެ.