ފާއިތުވި މަހު ތުރުކީއަށް ކުރެއްވި ދަތުރުފުޅަކަށްފަހު، އެއާ ފޯސް ވަން އިން އެހެން މަތިންދާބޯޓަކަށް އެއާޕޯޓުގެ ކާބޯތަކެތި އުފުލާ ޓްރަކެއް ބޭނުންކުރައްވައިގެން އެހެން މަތިންދާބޯޓަކަށް ބަދަލުވެވަޑައިގަތްކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގެންފިއެވެ.
އީރާނުން އަވަހާރަކޮށްލަފާނެކަމުގެ ބިރަށް ތުރުކީގައި ސިއްރު ފްލައިޓަކަށް އެރުމަށް ޓްރަމްޕް ކެޓަރިން ޓްރަކެއްގައި ފިއްލެވިކަމަށް ވޮޝިންޓަން ޕޯސްޓުން އިއްޔެ ވަނީ ރިޕޯޓްކޮށްފައެވެ.
އާންމުވެފައިވާ ވީޑިއޯ ފުޓޭޖުން ފެންނަގޮތުގައި ދުވަސްވެފައިވާ އެއާފޯސް ވަން ޖަމްބޯ ޖެޓަށް ޓްރަމްޕް އެރުއްވުމަށްފަހު، އޭގެ މިނެޓްތަކެއް ފަހުން ސިއްރުން ކުޑަ ބޯޓަކަށް ވަނީ ބަދަލުވެވަޑައިގެންފައެވެ. އެ ބޯޓަށް ޓްރަމްޕް ބަދަލުވެވަޑައިގަތީ އާންމުކޮށް ކެއުމާއި އެހެނިހެން ސާމާނު ލޯޑް ކުރުމަށް ބޭނުންކުރާ އެއާޕޯޓް ކެޓަރިން ޓްރަކެއް މެދުވެރިކޮށެވެ.
މި ޚަބަރު އާންމުވުމާއި ގުޅިގެން އޯހިއޯގައި އަންގާރަ ދުވަހު ބޭއްވި ހަރަކާތަކަށްފަހު އެނބުރި ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ސީކްރެޓް ސާވިސް އާއި އަސްކަރިއްޔާއިން އެދިގެން އެއާ ފޯސް ވަން ނޫން އެހެން ބޯޓަކަށް ބަދަލުވެވަޑައިގަންނަވަން ޖެހުނު ކަމަށެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެއާ ފޯސް ވަން އޮޅުވާލުމުގެ ގޮތުން ވައިގެތެރެއަށް ފޮނުވާލުމަށްފަހު، އެމަނިކުފާނު އެހެން ބޯޓަކަށް ސިއްރިއްޔާތުގައި ސުވާރުވެވަޑައިގަތީ އެއާޕޯޓުގެ ކޭޓަރިން ކޮންޓޭނަރެއްގެ ތެރޭގައި ނިވާވެވަޑައިގެން ކަމަށެވެ. އަދި އެ ވަގުތު އޮތް ނުރައްކަލާ ބެހޭގޮތުން މާ ގިނަ ތަފްސީލުތަކެއް ހޯއްދަވާފައި ނުވާނެ ކަމަށާއި، އެމަނިކުފާނަށް އަބަދުވެސް ތަފާތު އިންޒާރުތައް ލިބޭ ކަމަށް ވިދާޅުވިއެވެ.
މި ހާދިސާއަކީ އީރާނުން ކުރިމަތިކުރުވި ނުރައްކަލަކާ ގުޅިގެން ހިނގި ކަމެއް ކަމަށް ވޮޝިންގްޓަން ޕޯސްޓުން ރިޕޯޓްކޮށްފައިވާ އިރު، ޓްރަމްޕް ވަނީ އެ ރިޕޯޓް ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް، މި ކަމުގައި އެމަނިކުފާނު އެއްވެސް ޖެހިލުންވުމެއް ނެތް ކަމަށްވިދާޅުވެފައެވެ.
އެމެރިކާގެ ރައީސުން މީގެ ކުރިންވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސިއްރު ދަތުރުފުޅުތައް ކުރައްވާފައިވީ ނަމަވެސް، މިއީ މިފަދަ ގޮތަކަށް ރައީސް އުޅުއްވާ އުޅުއްވުން ގައުމަށް އަދި ނޫސްވެރިންނަށް ސިއްރުކޮށްގެން ހިންގި ހާއްސަ އޮޕަރޭޝަނެކެވެ. ކުރީގެ ރައީސުން ކަމަށްވާ ޖޯ ބައިޑަން، ޖޯޖް ڈަބްލިއު ބުޝް އަދި ބިލް ކްލިންޓަންވެސް ވަނީ ނުރައްކާތެރި ހާލަތްތަކުގައި ސިއްރު ދަތުރުފުޅުތައް ކުރައްވާފައެވެ.
މި ހާދިސާއާ ގުޅިގެން ކަމާބެހޭ މާހިރުން ކަންބޮޑުވުން ފާޅުކުރައްވަމުން ވިދާޅުވީ، ރައީސް ހުންނެވި ތަނެއް ނޭނގި އަދި އެކަން ސިއްރުކޮށްފައި އޮތުމަކީ ގައުމީ ސަލާމަތަށް އަދި ޑިމޮކްރެސީއަށް ކުރިމަތިވެދާނެ ނުރައްކަލެއް ކަމަށެވެ. ހާއްސަކޮށް، ރައީސްގެ ދަތުރުފުޅުތައް ކަވަރުކުރާ ނޫސްވެރިންނަށްވެސް މިކަން ނޭނގި އޮތުމަކީ ނުރައްކާތެރި ކަމެއްގެ ގޮތުގައި މާހިރުން ސިފަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!