ހުޅުމާލޭ ހޮސްޕިޓަލުގެ ޑޮކްޓަރަކު ބަލިމީހަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އެ ހޮސްޕިޓަލުން ދޮގުކޮށްފިއެވެ.
މިކަމާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޑޮކްޓަރަށް ދައްކަން ދިޔަ މީހަކާ މެދު ޖިންސީ ގޯނާގެ އަމަލެއް ހިންގި ކަމަށް ބުނެ އޮންލައިންކޮށް ފެތުރެމުންދާ ވާހަކަތަކަކީ އެ ހޮސްޕިޓަލަށް ލިބިފައިވާ މަޢުލޫމާތާ މުޅިން ފުށުއަރާ، އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.
އެ ބަޔާނުގައި ހޮސްޕިޓަލުން ވަނީ، ބަލިމީހުންގެ ރައްކާތެރިކަމާއި ކަރާމާތުގެ އިތުރުން އެފަރާތްތަކުގެ އިތުބާރު ދެމެހެއްޓުމަކީ ޚިދުމަތް ދިނުމުގައި އެ ހޮސްޕިޓަލުން އެންމެ ބޮޑު އިސްކަމެއް ދޭ ކަންކަން ކަމުގެ ޔަޤީންކަން ދީފައެވެ. އަދި ބަލިމީހުން ހުށަހަޅާ ކޮންމެ މައްސަލައެއް ވެސް ނާޒުކު މައްސަލައެއްގެ ގޮތުގައި ބަލައި، ޤާނޫނީ އޮނިގަނޑާއި ފަންނީ މިންގަނޑުތަކާ އެއްގޮތަށް ފިޔަވަޅު އަޅަމުންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ދައުލަތުގެ ޞިއްޙީ މުއައްސަސާއެއްގެ ހައިސިއްޔަތުން، ބަލިމީހުންނާއި މުވައްޒަފުންގެ ޒާތީ މަޢުލޫމާތު ޤާނޫނީ ގޮތުން ރައްކާތެރިކޮށް، ސިއްރު ހިފެހެއްޓުން ކަށަވަރު ކުރާނެ ކަމަށް ވެސް ހުޅުމާލޭ ހޮސްޕިޓަލުން ބުންޏެވެ. އެހެންކަމުން، ވަކި ގޮތަކަށް ކަންކަން ކަށަވަރު ނުވަނީސް އެފަދަ ވާހަކަތައް ނުފެތުރުމަށް އެ ހޮސްޕިޓަލުން ވަނީ ޢާންމުންގެ ކިބައިން އިލްތިމާސް ކޮށްފައެވެ.
ހުޅުމާލޭ ހޮސްޕިޓަލުން އިތުރަށް ބުނީ، ޙަޤީޤަތް ބެލުމެއް ނެތި މިފަދަ މަޢުލޫމާތު ފެތުރުމުގެ ސަބަބުން، ޚިދުމަތް ހޯދާ ފަރާތްތަކާއި ޞިއްޙީ ޚިދުމަތްތެރިންގެ އިތުރުން އެ ފަރާތްތަކުގެ ޢާއިލާތަކަށް ވެސް ނަފްސާނީ ގޮތުން ބޮޑެތި ނުތަނަވަސްކަމެއް ކުރިމަތިވާ ކަމަށެވެ. އެހެންވެ، މިފަދަ ކަންކަމުގައި އެންމެންވެސް ޒިންމާދާރުވުމަށް އެ އިދާރާއިން އެދެއެވެ.
ހުޅުމާލޭ ހޮސްޕިޓަލަކީ އަބަދުވެސް ބަލިމީހުންނަށް އަޚުލާޤީ އަދި ފަންނީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރައްކާތެރި ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ތަނެއް ކަމުގެ ފުރިހަމަ ޔަޤީންކަން ވެސް އެ ހޮސްޕިޓަލުން ވަނީ ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!