ދުނިޔޭގެ އިގްތިސާދީ ގޮތުން އެންމެ މުހިންމު އެއް ކަނޑުގެ ސަރަހައްދު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅިން އެމެރިކާ އާއި އިސްރާއީލުގެ އުޅަނދުތައް ދަތުރުކުރުން މަނާކުރުމާ ގުޅޭ ބިލެއް އީރާނުގެ ގާނޫނު ހަދާ މަޖިލީހުން ދިރާސާ ކުރަން ފަށައިފިއެވެ.
"ސްޓްރެޓީޖިކް އެކްޝަން ފޯ ދަ ސެކިއުރިޓީ އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް އޮފް ދަ ސްޓްރެއިޓް އޮފް ހޮރްމޫޒް އެންޑް ދަ ޕާޝިއަން ގަލްފް" ގެ ނަމުގައި ހުށަހަޅާފައިވާ މި ބިލަކީ އެ ސަރަހައްދުގެ ދަތުރުފަތުރުތަކުގެ މައްޗަށް ދައުލަތުގެ ބާރުވެރިކަން ވަރުގަދަކުރުމަށް ތައްޔާރުކޮށްފައިވާ ބިލެކެވެ.
މި ބިލުގެ ދަށުން އެމެރިކާ އާއި އިސްރާއީލުގެ އިތުރުން އީރާނުން "ދުޝްމަނުން" ގެ ގޮތުގައި ކަނޑައަޅާ ގައުމުތަކުގެ ދިދަ ޖަހާފައިވާ އުޅަނދުތައް ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުން ސީދާ ގޮތުން މަނާކުރެވޭނެއެވެ. މީގެ އިތުރުން އިސްރާއީލާ ގުޅުންހުރި އަސްކަރީ އަދި މަދަނީ މުދާ އުފުލުމާއި، އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ ހަރަކާތްތަކަށް އެހީތެރިވާ އުޅަނދުތަކަށް ވެސް މި ސަރަހައްދުން ދަތުރު ނުކުރެވޭނެ ގޮތަށް ބިލުގައި ހިމަނާފައިވެއެވެ.
މި ގާނޫނާ ހިލާފުވާ އުޅަނދުތަކަށް ބޮޑެތި ޖޫރިމަނާތަކެއް ކަނޑައެޅުމަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން، ގަވާއިދާ ހިލާފުވާ އުޅަނދުތަކުން އެ އުޅަނދެއްގައި ހުރި މުދަލުގެ ޖުމްލަ އަގުގެ 20 އިންސައްތައާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި އީރާނަށް އެކި ގޮތްގޮތުން ގެއްލުން ދީފައިވާ ގައުމުތަކާއި ޖަމާއަތްތަކުގެ އުޅަނދުތަކަށް ދަތުރުކުރުމުގެ ހުއްދަ ދެވޭނީ އެ ގެއްލުމުގެ ބަދަލު ފުރިހަމައަށް ދިނުމުން ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މި ބިލުގެ ދަށުން އީރާނުގެ ސަރުކާރާއި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރް.ޖީ.ސީ) ހިމެނޭހެން ސަލާމަތީ ބާރުތަކަށް، އުޅަނދުތަކުގެ ހަރަކާތްތައް ވަރަށް ގާތުން ބެލެހެއްޓުމުގެ ބާރު ލިބިގެންދާނެއެވެ. މީގެ ތެރޭގައި ސަލާމަތީ މިންގަނޑުތައް ތަންފީޒުކުރުމާއި ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުކުރުން ހިމެނެއެވެ. އަދި އަވަށްޓެރި އޮމާނާ ގުޅިގެން ޓްރެފިކް މެނޭޖްމަންޓް ނިޒާމެއް ގާއިމުކުރުމާއި، ސަލާމަތީ ކަންކަމާއި ތިމާވެށީގެ ހިދުމަތްތަކަށް ފީއެއް ނެގުމަށް ވެސް މަޝްވަރާ ކުރެވެމުންދެއެވެ.
މި ބިލު މިހާރު ދިރާސާ ކުރަމުންދަނީ އީރާނު މަޖިލީހުގެ ގައުމީ ސަލާމަތާއި ބޭރުގެ ސިޔާސަތާ ބެހޭ ކޮމިޓީންނެވެ. ގާނޫނީ އަދި އަސްކަރީ މާހިރުންގެ ލަފާ ހޯދުމަށްފަހު، ބިލުގެ ފައިނަލް ޑްރާފްޓް މަޖިލީހުގެ ތަޅުމަށް ވޯޓަށް އެހުމަށް ހުށަހަޅާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!