ފްލޯޓިން ބާއެއްގެ ގޮތުގައި ކ. މާފުށީ ބޭރުގައި އަޅާފައި އޮންނަ ސާފާރީ މިއަދުގެ ގަދަ ވިއްސާރާގައި އެރަށު ބަނދަރުގެ ބޭރު ތޮށިގަނޑާ ދިމާލުން ފަރުމައްޗަށް ލައްވެ ފުނޑުފުނޑުވެއްޖެއެވެ.

މި ހާދިސާއާއި ގުޅޭގޮތުން ރަސްމީ ފަރާތްތަކުން އަދި އެއްޗެއް ނުބުނެއެވެ. ނަމަވެސް ދައުރުވަމުން އަންނަ ''އެމްވީ ކްރައިސިސްގެ'' ވީޑިއޯއިން އެ ސަފާރީ އެރަށު ބަނދަރުގެ ބޭރު ތޮށިގަނޑާ ދިމާލުން ފަރުމައްޗަށް ލައްވާ މަންޒަރު ފެނެއެވެ. އަދި އެ އުޅަނދު ލައްވިތާ ކުޑަ ހިނދުކޮޅެއްތެރޭ ފުނޑުފުނޑުވަމުންދާ މަންޒަރު ފެނެއެވެ. ވީޑިއޯ އިން ފެންނަގޮތުގައި އެ އުޅަނދު ވަނީ އެތަނަށް އެއްކޮށް ފުނޑުފުނޑުވެފައެވެ.

Ad
rt

މައުލޫމާތު ލިބޭގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 9:30 ހާއިރުއެވެ.

މި ސަފާރީ އަކީ މާފުއްޓަށްދާ ފަތުރުވެރިން ''ފްލޯޓިން ބާ'' އެއްގެ ގޮތުގައި ބޭނުންކުރުމަށް އެރަށު ބޭރުގައި އަޅާފައި އޮންނަ އުޅަނދެކެވެ.

މިފަދަ ހާދިސާއެއް ހިނގިއިރު މިއަދަކީ މުޅި ރާއްޖެ އަށްހެން މޫސުން ގޯސް ދުވަހެކެވެ. މިއަދު ހެނދުނުން ފެށިގެން ރާއްޖޭގެ ސަރަހައްދުތަކަށް އޮތީ ރީނދޫ ސަމާލާއި ހުދު ސަމާލު ވެސް ނެރެފައެވެ. މީގެ ތެރެއިން މާފުށި ހިމެނޭ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވާއިރު ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން މިއަދު ނެރުނު ސަމާލުގެ މެސެޖެއްގައި ބުނެފައި ވަނީ ހުޅަނގު މޫސުމާއި ގުޅިގެން ރާއްޖޭގެ އުތުރާއި ދެކުނުގައި ލޯޕްރެޝަރ ޓަރަފްއެއް އުފެދިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ހުޅަނގުގައި ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ އުފެދެމުން އަންނަކަމަށް މެޓުން ބުނެއެވެ. އެހެންވެ މިއަދު މޫސުން ވަރަށް ގޯސްވާނެކަމަށް ރޭ ވަނީ ބުނެފައެވެ.