ޢަރަބި އިސްލާމީ ޤައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަކީ ދިވެހީންގެ އިޙްސާސްތަކާ ގުޅިފައިވާ ކަމެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠިބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި، ޙަޤީޤީ މިނިވަންކަމުގެ މާނައަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، ހަމައެކަނި ސިޔާސީ ގޮތުން މިނިވަންކަން ލިބުމަކީ ޤައުމެއް ފުރިހަމައަށް މިނިވަންވުން ކަމުގައި ޤަބޫލުފުޅުނުކުރައްވާ ކަމަށެވެ. އަދި ޚާރިޖީ މިނިވަންކަމަކީ މިނިވަންކަމުގެ މުހިންމު ބައެއްކަން ފާހަގަކުރައްވައި، މިއީ ދިވެހީންގެ ރާއްޖެ ކަމަށާއި، މި ރާއްޖޭގައި އިސްކުރަންޖެހޭނީ ދިވެހީންގެ ސިޔާސަތުކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.
ޚާރިޖީ ގުޅުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖެއިން ދުނިޔޭގެ ހުރިހާ ޤައުމުތަކާއެކުވެސް ގާތް ގުޅުމެއް ބާއްވާނެ ކަމަށެވެ. ނަމަވެސް، ދިވެހީންގެ ހިތްތަކާ ގުޅިފައިވާ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޤަތުލުޢާންމު ހިންގަމުންދާ އިޒްރޭލާއެކު އެފަދަ ގުޅުމެއް ނޯންނާނެކަން އެމަނިކުފާނު ވަކީން ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މީގެ ކުރިން ޢަރަބި އިސްލާމީ ޤައުމުތަކާ ދުރުވެގަތުމުގެ ސިޔާސަތެއް ގެންގުޅުނު ކަމުގައި ވީނަމަވެސް، އެއީ ދިވެހީންނާ ދޯޅަ ގޮތެއް ނޫން ކަމަށެވެ. ދިވެހީންގެ ވިންދާއި އިޙްސާސްތަކާ ގުޅޭ ޚާރިޖީ ސިޔާސަތަކީ ދިވެހީންނަށް އުފަލާއި ހިތްހަމަޖެހުން ގެނެސްދޭނެ ސިޔާސަތެއްކަން ފާހަގަކުރައްވައި، ޢަރަބި އިސްލާމީ ޤައުމުތަކާއި ރާއްޖެއަށް ފައިދާވާނެ ގޮތަށް އެހީތެރިކަންދޭ ހުރިހާ ޤައުމުތަކާއެކު ގުޅުން ބަދަހިކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ހަނގުރާމައާއި އަނިޔާވެރިކަމަކީ ދިވެހީން ބަލައިގަންނަ ކަންކަން ނޫންކަން ފާހަގަކުރައްވައި، ރައީސް ވަނީ ކަންކަން ޙައްލުކުރުމުގައި އަބަދުވެސް ސުލްޙަ އިސްކުރުމަށް ގޮވާލައްވާފައެވެ.
ޚިޔާލުތަފާތުވުންތަކަށް ކަނޑިބަޑިން ޙައްލެއް ނުހޯދޭނެ ކަމަށާއި، ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރައްވާފައިވަނީ ސުލްޙަވެރިކަމުގެ އަސާސްގެ މަތީގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!