އުރީދޫ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ފޯރިގަދަ އެފްސީ 26 އީ-ސްޕޯޓްސް މުބާރާތް، "އުރީދޫ ނޭޝަން ކަޕް 2026" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި މުބާރާތަކީ ފީފާ ވޯލްޑް ކަޕް 2026 އާ ދިމާކޮށް އެ ކުންފުނިން ކުރިއަށްގެންދާ #OoredooFootballFoari ޙަރަކާތްތަކުގެ ތެރެއިން ބޭއްވުނު ޚާއްޞަ މުބާރާތެކެވެ.
މި މުބާރާތުގައި ރާއްޖޭގެ އެންމެ މޮޅު 48 އެފްސީ 26 ކުޅުންތެރިން ވާދަކޮށްފައިވާއިރު، ކޮންމެ ކުޅުންތެރިއަކުވެސް ތަމްސީލުކޮށްފައިވަނީ ފީފާ ވޯލްޑް ކަޕް 2026 ގައި ވާދަކުރާ 48 ގައުމުގެ ތެރެއިން ގައުމެކެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ފޯރިއާއި ރޫޙު އީ-ސްޕޯޓްސްގެ ތެރެއިން ދައްކުވައިދިން ތަފާތު މުބާރާތެކެވެ.
ވާދަވެރި މެޗުތަކަކަށްފަހު، މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ދެކުނު ކޮރެއާ ތަމްސީލުކުރި މުޙައްމަދު ޒަމީލް ޒިހުނީ އެވެ. ޒަމީލަށް އިނާމެއްގެ ގޮތުގައި 8,000 ރުފިޔާ އާއި، މުބާރާތުގެ ތަށީގެ އިތުރުން ހައިސެންސް 75 އިންޗީގެ ޔޫއެޗްޑީ 4ކޭ ވިޑާ ސްމާޓް ޓީވީއަކާއި ވޯލްޑް ކަޕް ރެޕްލިކާއެއް ވަނީ ލިބިފައެވެ.
މުބާރާތުގެ ރަނަރއަޕް މަޤާމު ސައުދީ އަރަބިއްޔާ ތަމްސީލުކުރި ޢަބްދުﷲ މާހިލް ހޯދިއިރު، އޭނާއަށް 5,000 ރުފިޔާ އާއި ހައިސެންސް 65 އިންޗީގެ ސްމާޓް ޓީވީއެއް ވަނީ ދީފައެވެ. ތިންވަނަ ނުވަތަ ސެކަންޑް ރަނަރއަޕް ހޯދި އޮސްޓްރިއާގެ ޒަކްވާން ޝިހާދު އަށް ލިބުނީ 2,000 ރުފިޔާ އާއި ހައިސެންސް 55 އިންޗީގެ ސްމާޓް ޓީވީއެކެވެ.

އުރީދޫ ނޭޝަން ކަޕަކީ ފުޓްބޯޅަ ސަޕޯޓަރުންނަށް ޚާއްޞަ ޕްރޮމޯޝަންތަކާއި ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް އުރީދޫއިން މުޅި ރާއްޖޭގައި ހިންގާ ކެމްޕޭނުގެ މުހިންމު ބައެކެވެ. މިފަދަ ޙަރަކާތްތަކުގެ މަޤްޞަދަކީ ރާއްޖޭގެ ގޭމިންގް ދާއިރާގެ ހުނަރުވެރިންނަށް ފުރުޞަތުތައް ފަހިކޮށްދީ، އީ-ސްޕޯޓްސް ކުރިއެރުވުމެވެ.
މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި އުރީދޫއިން ވަނީ މުބާރާތުގެ ހުރިހާ ބައިވެރިންނަށާއި ވަނަވަނައަށް ދިޔަ ފަރާތްތަކަށް މަރުޙަބާ ކިޔާފައެވެ. މި މުބާރާތަކީ ފުޓްބޯޅައާއި ކުޅިވަރުގެ ރޫޙު ދިވެހި ޒުވާނުންގެ މެދުގައި އާލާކޮށްދިން ފޯރިގަދަ ޙަރަކާތެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!