ބަނގުރާ ބޮއެގެން ހުޅުމާލޭގެ އެޕާޓްމަންޓެއްގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ދެ އަންހެނަކާއި ދެ ފިރިހެނުން މިއަދު ހައްޔަރުކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ 2026 ޖޫން 27 ވަނަ ދުވަހުގެ ހެނދުނު 6:05 އެހައިކަންހާއިރުއެވެ. ހުޅުމާލެ ފޭސް 1 ގެ އެޕާޓްމަންޓެއްގައި ހަމަނުޖެހުމެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން ފުލުހުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.

Ad
rt

މި މައްސަލައާ ގުޅިގެން ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރުންނާއި ސީން އޮފް ކްރައިމް އޮފިސަރުން ވަނީ އެ އެޕާޓްމަންޓް ބަލައި ފާސްކޮށްފައެވެ. މި ފާސްކުރުމުގެ ތެރޭގައި ތަހުގީގަށް ބޭނުންވާނެ މުހިންމު ހެކިތަކެއް އެއްކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މީގެ ތެރޭގައި ބަނގުރާ ހުސްކޮށްފައި ހުރި ކަމަށް ބެލެވޭ ފުޅިތަކެއް ވެސް ހިމެނެއެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 26 އަހަރާއި 29 އަހަރުގެ ދެ އަންހެނުންގެ އިތުރުން، އުމުރުން 34 އަހަރާއި 24 އަހަރުގެ ދެ ފިރިހެނުންނެވެ. މި ހަތަރު މީހުންނަކީ ވެސް މި ހަމަނުޖެހުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންނެވެ.

ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ހާދިސާގެ ވީޑިއޯ ވަނީ މީސް މީޑިއާގައި އާންމުވެފައެވެ.