ޤަވާއިދާ ޚިލާފަށް، ރަޖިސްޓަރީ ނުކުރާ ދަރިވަރުންތަކަކަށް ސަނަދު ދޫކުރި މައްސަލައެއްގައި އެވިޑް ކޮލެޖު ޖޫރިމަނާކޮށްފައިވާ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ބުނެފިއެވެ.
މި ފިޔަވަޅު އަޅާފައިވަނީ މީގެ ކުރިންވެސް މިފަދަ މައްސަލައެއްގައި އެ ކޮލެޖަށް ނަސޭހަތްތެރިވެ ފިޔަވަޅު އަޅާފައި ވަނިކޮށް، އެކަން ތަކުރާރުވުމާ ގުޅިގެންނެވެ.
އެމްކިޔުއޭ އިން ބުނި ގޮތުގައި، އެވިޑް ކޮލެޖުގައި ރަޖިސްޓަރީކޮށްފައި ނުވާ ސްރީލަންކާގެ ދަރިވަރުންތަކަކަށް ސަނަދު ދޫކުރި މައްސަލައާ ގުޅިގެން، މިއަހަރުގެ ކުރީކޮޅު އެ މަރުކަޒަށް ނަސޭހަތްތެރިވެ، ފިޔަވަޅު އަޅައި، އެކަން އާންމުކޮށް އިޢުލާނުކޮށްފައިވާނެއެވެ. ނަމަވެސް، އޭގެ ފަހުންވެސް ރަޖިސްޓަރީ ނުކުރާ ދަރިވަރުންތަކަކަށް އެ ކޮލެޖުން ސަނަދު ދީފައިވާކަން އެ އޮތޯރިޓީގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.
މިކަން ތަކުރާރު ނުކުރުމަށް އެވިޑް ކޮލެޖަށް އަންގައި، އެމްކިޔުއޭގެ އެޑްވައިޒަރީ ބޯޑުގެ ލަފައާއެކު ދެވަނަ ފިޔަވަޅެއްގެ ގޮތުން އެ ކޮލެޖު މިހާރު ވަނީ ޖޫރިމަނާކޮށްފައެވެ. މިއީ އެ އޮތޯރިޓީގެ ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާއި، އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދާ ހިލާފު ކަމެއްކަން އެމްކިޔުއޭ އިން ފާހަގަކުރެއެވެ.
އެމްކިޔުއޭ އިން އިތުރަށް ބުނީ، މިފަދަ ކަންކަމުގެ ސަބަބުން ރާއްޖޭގެ މަތީ ތައުލީމީ ދާއިރާގެ ފެންވަރާމެދު ބައިނަލްއަޤުވާމީ މަސްރަހުގައި އޮންނަ އިތުބާރު ކުޑަވެ، ރާއްޖޭގެ މަރުކަޒުތަކުން ދޫކުރާ ސަނަދުތަކުގެ ސައްހަކަމާމެދު ސުވާލު އުފެދުމުގެ ފުރުޞަތު ބޮޑު ކަމަށެވެ.
އެހެންކަމުން، އެއްވެސް ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ކުރިން ނުވަތަ ހިންގުމުގެ ކުރިން، އެއީ އެ އޮތޯރިޓީން ހުއްދަދީފައިވާ ޕްރޮގްރާމެއްކަން ވެބްސައިޓް މެދުވެރިކޮށް ކަށަވަރުކުރުމަށް އާންމުންނަށާއި ތައުލީމީ މަރުކަޒުތަކަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!