އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ރަސްމީކޮށް މަޝްވަރާތައް ފެށުމަށާއި، އީރާނުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެކުލަވާލާފައިވާ ވަގުތީ އެއްބަސްވުން އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް އާއި އީރާނުގެ އިސް އޮފިޝަލުން އާދީއްތަ ދުވަހު ސުވިޒަލޭންޑަށް ވަޑައިގެންފިއެވެ.
މިދިޔަ ހަފުތާގައި ސޮއިކުރި އޮނިގަނޑު އެއްބަސްވުމުގެ ދަށުން، ދުނިޔޭގެ އިގްތިސާދާއި ސަލާމަތަށް ބޮޑެތި އަސަރުތަކެއް ކުރާނެ ފަންނީ ތަފްސީލުތަކާ މެދު އެއްބަސްވުމަކަށް އައުމަށް އެމެރިކާ އާއި އީރާނުގެ މަޝްވަރާވެރިންނަށް ލިބިފައިވަނީ 60 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް، އިސްރާއީލާއި އީރާނުން ތާއީދުކުރާ ހިޒްބުﷲ ޖަމާއަތާ ދެމެދު ލުބުނާނުގައި ކުރަމުންދާ ހަނގުރާމަ ވަރުގަދަވުމާއި، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބައި ހުރަސްކުރާ ހޯރްމުޒް ކަނޑުއޮޅި ބަންދުކުރި ކަމަށް އީރާނުގެ އަސްކަރިއްޔާއިން އިއުލާނުކުރުމާ ގުޅިގެން މި އެއްބަސްވުމަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
އެމެރިކާގެ ނައިބު ރައީސް ވެންސް ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި އަސްކަރީ ވެރިޔާ އާސިމް މުނީރާ ބައްދަލުކުރައްވާފައެވެ. ޕާކިސްތާނަކީ މި މައްސަލައިގައި އެމެރިކާ އާއި އީރާނާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރާ މުހިންމު ގައުމެކެވެ.
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވި ގޮތުގައި، އީރާނުން އެންމެ ބޮޑު އިސްކަމެއް ދޭނީ އިސްރާއީލާއި ލުބުނާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށެވެ.
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވީ ޔުރޭނިއަމް މުއްސަނދިކުރުމުގެ ހައްގުން އީރާނުން ފަހަތަށް ނުޖެހޭނެ ކަމަށާއި، އަނެއް ފަރާތުން އެކަން ގަބޫލުކުރަން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެން ޔުރޭނިއަމް މުއްސަނދިކުރުމުގެ ހައްގުން ދުވަހަކުވެސް ފަހަތަކަށް ނުޖެހޭނަން،" ރައީސް ޕެޒެޝްކިއަން ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން އީރާނަށް އެގައުމުގެ ތެޔޮ މިނިވަންކަމާއެކު ވިއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ހިފަހައްޓާފައިވާ ބިލިއަނުން ޑޮލަރުގެ މުދާ ބޭނުންކުރުމުގެ މަގު ފަހިވެގެންދާނެއެވެ. އޭގެ ބަދަލުގައި އީރާނުން ވަނީ އެގައުމުގައި ހުރި މަތީ ދަރަޖައަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ރަހީނުތައް މަދުކުރުމަށް އެއްބަސްވެފައެވެ.
މި މަޝްވަރާތަކުގައި ވެންސްގެ އަރިހުގައި ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި ރައީސް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާ ބައިވެރިވެވަޑައިގަންނަވައެވެ. ނަމަވެސް، އިސްރާއީލާއި ހިޒްބުﷲ އިން މި އެއްބަސްވުމުގައި ސޮއިކޮށްފައި ނުވުމާއި، ދެފަރާތުންވެސް ހަމަލާތައް ކުރިއަށް ގެންދާތީ މަޝްވަރާތަކުގެ ނަތީޖާއާ މެދު ވަނީ ސުވާލު އުފެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!