ވޯލްޑް ހެލްތު އޯގަނިޒޭޝަން (ޑަބްލިއުއެޗުއޯ) އިން ދީފައިވާ ތަޖުރިބާކާރުންގެ ލަފަޔާ އެއްގޮތަށް، ރާއްޖެއަށް އެތެރެކުރާ ސިނގިރޭޓުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރުމާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި މަޝްވަރާ ކުރަން ނިންމާފައިވާކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާއި ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ޑަބްލިއުއެޗުއޯއިން ހަދާފައިވާ ދިރާސާއަކުން 2026 ވަނަ އަހަރަށް ރާއްޖެއަށް ރިކޮމެންޑް ކޮށްފައިވަނީ ސިނގިރޭޓަކުން 4 ރުފިޔާގެ ޑިއުޓީއެއް ނެގުމަށް ކަމަށެވެ. އަދި މިހާރުވެސް ސަރުކާރުން އެ ރޭޓަށް ބަދަލުކުރުމަށް ކޮންސިޑާ ކުރަމުން އަންނަ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ދުންފަތުގެ އިމްޕޯޓް ޑިއުޓީއަށް އެންމެ ފަހުން ބަދަލު ގެނައީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އެ ފަހަރު ސިނގިރޭޓަކުން ނަގާ ޑިއުޓީ 3.30 ރުފިޔާއިން 8 ރުފިޔާއަށް ބޮޑުކުރީ، ރާއްޖޭގައި ވޭޕް މަނާކުރުމާ ގުޅިގެން ވޭޕް ބޭނުންކުރާ މީހުން ސިނގިރޭޓަށް ބަދަލުވެދާނެ ކަމަށް ބަލައި އެކަން ހުއްޓުވުމުގެ ގޮތުންނެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެއީ އޭރުގެ ހާލަތަށް ބަލައި ސަރުކާރުން ނިންމި އުނދަގޫ ނިންމުމެކެވެ.
"ވޭޕްގެ ޑިމާންޑުގައި އޭރު ތިއްބެވި ބޭފުޅުން ކުއްލިއަކަށް ޓޮބޭކޯއަށް ބަދަލުވެދާނެ ކަމަށްޓަކައި ނުވަތަ ސިނގިރޭޓު ބޭނުންކޮށްފާނެ ކަމަށްޓަކައި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބޭނުން ކުރާ ޓޫލްއެއް ޑިއުޓީ ރޭޓްތައް ބަދަލު ކުރުމަކީ،" މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތަކަކީ ދިރާސާތަކުގެ އަލީގައި އަބަދުވެސް މުރާޖައާ ކުރަންޖެހޭ ކަންކަން ކަމަށެވެ. އެގޮތުން ޑިއުޓީ ރޭޓަށް ބަދަލު ގެނައުމުގެ ކުރިން ހުރިހާ ސްޓޭކްހޯލްޑަރުންނާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި މަޝްވަރާތަކުން ނިކުންނަ ނަތީޖާއަށް ބިނާކޮށް، ސިނގިރޭޓު ޑިއުޓީ ކުޑަކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!