ބަރަކާތްތެރި އަޟްޙާ ޢީދުގެ އުފާފާޅުކުރުންތައް ކުރިއަށްގެންދާއިރު، އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓަވައި، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި ކަންކަމުން ދުރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިލްތިމާސް ކުރައްވައިފިއެވެ.

Ad
rt

އަޟްޙާ ޢީދުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި މެސެޖުގައި ރައީސް ވިދާޅުވީ، އަޟްޙާ ޢީދަކީ މާތްﷲ ވަރަށް މުހިއްމު ޢިބްރަތްތަކަކާއި ޙިކުމަތްތަކެއް އެކަމުގައި ލައްވާފައިވާ ޢީދެއް ކަމަށެވެ. އަދި މިއީ މުޅި އިސްލާމީ އުންމަތް އެއް ސަފަކަށް ތަރުތީބުކޮށްދޭ، އޯގާތެރިކަމުގެ ދެމެހެއްޓެނިވި މިސާލެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޢަރަފާތު ބިމުގެ ހަމަހަމަކަމުން ފެށިގެން ފެތުރިގެންދާ މި އުފާވެރިކަމަކީ އިންސާނީ ކުލުނުގެ އެންމެ އަލިގަދަ ރަމްޒުކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ އުޟްޙިޔާ ކަތިލުމާއި، ހަދިޔާ ބަދަލުކުރުމާއި، ނިކަމެތިންނަށް އެހީތެރިވުމަކީ މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ވަރުގަދަވެ، އެކުވެރިކަން އާލާވާ ކަންކަން ކަމަށެވެ. މީގެ އިތުރުން، މިއީ މާފުކުރުމާއި ޢާއިލީ ލޯބި އާލާކުރުމަށް ލިބޭ ވަރަށް ފަހި ފުރުޞަތެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޒުވާން ޖީލަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، މާދަމާގެ އުންމީދު ކަމުގައިވާ ޒުވާނުންނަށް ރިވެތި އަޚުލާޤު ދަސްކޮށްދީ، މުޖުތަމަޢުގެ ނިކަމެތިންގެ ހިނިތުންވުމަކީ ތިމާގެވެސް އުފާކަމުގައި ދުށުމަށް މި ޢީދުން ދަސްކޮށްދޭ ކަމަށެވެ. އަދި ޢީދުގެ ހަގީގީ ޖައުހަރަކީ ތަޤުވާވެރިކަމުން ނަފުސު ޒީނަތްތެރިކޮށް، ދީނާއި ޙައްޤުގެ މަގު އިސްކުރުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"ޢީދުގެ އެކިއެކި ކުޅިވަރުތައް ކުޅެ އުފާފާޅު ކުރައްވަމުން ގެންދަވާއިރު، އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓަވައި، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި ކަންކަމުން ދުރުވެވަޑައިގަތުމަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ،" ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، މި ޢީދަކީ އަމާން އަދި ބާއްޖަވެރި މުނާސަބަތެއް ކަމުގައިލައްވައި، ދިވެހިރާއްޖެއާއި މުޅި އިސްލާމީ އުންމަތް ސަލާމަތާއި ރައްކާތެރިކަމުގައި ލެހެއްޓެވުން އެދި ދުޢާކުރައްވަމުންނެވެ.