މި އަހަރުގެ އަޟްޙާ ޢީދުގައި ރ. މީދޫގައި ބާއްވާ ސަޤާފީ ޢީދު ހަރަކާތްތައް ދުނިޔެއަށް ދައްކާލުމަށް ވިޒިޓް މޯލްޑިވްސް (ވީއެމްސީ) ތައްޔާރުވަމުން އަންނަކަމަށް އެ ކުންފުނިން ބުނެފިއެވެ.

މި މަސައްކަތުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ މުއްސަނދި ސަޤާފަތާއި އަމިއްލަވަންތަ އާދަކާދަތައް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ހާމަކޮށްދީ، ފަތުރުވެރިކަމުގެ މާކެޓުގައި ރާއްޖެ އިތުރަށް އިޝްތިހާރު ކުރުމެވެ.

Ad
rt

މި ހަރަކާތްތައް ކަވަރުކުރުމަށްޓަކައި ވިޒިޓް މޯލްޑިވްސްގެ ޚާއްސަ ޓީމެއް ރ. މީދޫގައި މެއި 26 އިން 30 އަށް ހަރަކާތްތެރިވާގޮތަށް ހަމަޖެހިފައިވާއިރު، މި މުއްދަތުގެ ތެރޭގައި ޢީދު ފޯރިއާއި، އާދަކާދަތަކުގެ ވާހަކަތައް ވީޑިއޯ ރިޕޯޓްތަކާއި ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދިނުމަށް ވަނީ ނިންމާފައެވެ.

ރ.މީދޫ ޢީދަށް ތައްޔާރުވެފައި، ފޮޓޯ: މުޙައްމަދު އިބްރާޙީމް

މި ކަވަރޭޖުގެ ތެރެއިން ދިވެހިންގެ ތެރޭގައި މަޤްބޫލު ސަޤާފީ ކުޅިވަރުތައް ކަމަށްވާ ވެދުމާ ދިއުން، ބޮޑުމަސް ބޭނުން އަދި ކޯޑި ކެނޑުން ފަދަ ހަރަކާތްތައް ދައްކާލާނެއެވެ. މީގެ އިތުރުން ރ. މީދޫގައި ކުރިއަށްދާ އެ ރަށަށް ޚާއްސަ ސަޤާފީ ހަރަކާތްތައް ވެސް މި ކެމްޕޭނުގެ ދަށުން ބައިނަލްއަޤުވާމީ މުޖުތަމަޢަށް ހާމަކޮށްދޭނެއެވެ.

މި ހަރަކާތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވެފައި ވަނީ، ރާއްޖޭގެ ދިރިހުރި ސަޤާފަތާއި އާދަކާދަތައް ދައްކާލުމަކީ ރާއްޖެ އިޝްތިހާރު ކުރުމުގައި ވަރަށް މުހިންމު ކަމެއް ކަމަށެވެ. ޝިއުރީ ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަކީ ހަމައެކަނި ޤުދުރަތީ ރީތިކަމެއް ނޫންކަމަށާއި، އެއީ ސަޤާފީ އަމިއްލަވަންތަކަން ދަމަހައްޓާ ރައްޔިތުންނާއި އެކުވެރި މުޖުތަމައުތަކެއް އެކުލެވިގެންވާ ތަނެކެވެ.

"މި ކެމްޕޭނުގެ ސަބަބުން ދުނިޔޭގެ އެކިކަންކޮޅުތަކުގެ މީހުންނަށް ދިވެހި ޢީދުގެ ހަޤީޤީ އުފަލާއި، ފަންނުވެރިކަމާއި، މެހެމާނުދާރީ އިހުސާސް ކުރެވޭނެ،" ޝިއުރީ ވިދާޅުވިއެވެ.

މި މަސައްކަތުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ދިވެހިންގެ ދިރިއުޅުމާއި ސަޤާފަތާ ގާތުން ބައްދަލުކޮށްލުމުގެ ޝައުޤުވެރިކަން އިތުރުވެގެންދާނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން އުންމީދު ކުރެއެވެ.