އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގައި ދާއިމީ ސުލްހައަކަށް ދެ ގައުމުން ހުށަހަޅާފައިވާ ރަސްމީ ޝަރުތުތަކުގެ ތަފްސީލް އީރާނުގެ ފާރްސް ނިއުސް އޭޖެންސީން އާންމުކޮށްފިއެވެ.

މި ރިޕޯޓުގައިވާ ގޮތުން، ދެ ގައުމުގެ މެދުގައި އޮތް ނުތަނަވަސްކަން ހައްލުކުރުމަށް ދެ ފަރާތުން ވެސް ވަނީ ހަރުކަށި ޝަރުތުތަކެއް ކުރިމަތިކުރުވާފައެވެ.

Ad
rt

އެމެރިކާގެ މައިގަނޑު ހުށަހެޅުންތައް

އެމެރިކާގެ ފަރާތުން ހުށަހަޅާފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ހަނގުރާމައިގެ ގެއްލުމުގެ ބަދަލު ނުދިނުމާއި، އީރާނުގެ އަތުގައި ހުރި 400 ކިލޯގްރާމްގެ ޔުރޭނިއަމް އެމެރިކާއާ ހަވާލުކުރުން ހިމެނެއެވެ.

މީގެ އިތުރުން މުޅި އީރާނުގައި ވެސް ނިއުކްލިއާ ހަކަތަ އުފައްދާ އެންމެ މަރުކަޒެއް ބެހެއްޓުމަށާއި، ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫނުކުރުމަށް އެމެރިކާއިން ވަނީ ޝަރުތުކޮށްފައެވެ. އަދި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ބިނާވެފައިވަނީ މަޝްވަރާތަކުގެ ކާމިޔާބީގެ މައްޗަށް ކަމަށާއި، ދާއިމީ ސުލްހައެއްގެ ޔަގީންކަން ނެތް ކަމަށް ވެސް އެމެރިކާއިން ބުނެފައިވެއެވެ.

އީރާނުގެ މައިގަނޑު ހުށަހެޅުންތައް

އީރާނުން ވަނީ އެ ގައުމުގެ މަސްލަހަތު ހިމާޔަތްކުރުމަށް ބާރުގަދަ ޝަރުތުތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ލުބުނާން ހިމެނޭހެން ހުރިހާ ފްރަންޓެއްގައި ހަނގުރާމަ ހުއްޓާލުމާއި، އީރާނާ ދެކޮޅަށް އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އުވާލުން ހިމެނެއެވެ.

"އީރާނުގެ ހިފަހައްޓާފައިވާ ހުރިހާ މާލީ އެސެޓްތަކެއް ދޫކޮށްލުމަށާއި، ހަނގުރާމައިގެ ގެއްލުމުގެ ބަދަލު ދިނުމަށް" ވެސް އީރާނުން ވަނީ ގޮވާލާފައެވެ.

ސްޓްރެއިޓް އޮފް ހޯމްޒްގެ ސިޔާދަތީ ބާރު

މި މަޝްވަރާތަކުގެ އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި އީރާނުން ހުށަހަޅާފައިވަނީ ސްޓްރެއިޓް އޮފް ހޯމްޒްގެ މައްޗަށް އީރާނުގެ ފުރިހަމަ ސިޔާދަތީ ބާރު އޮތްކަން ބައިނަލްއަގުވާމީ ގޮތުން ބަލައިގަތުމެވެ. މިއީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މުހިންމު މަގަކަށް ވުމާއެކު، މި ކަމަކީ ސަރަހައްދީ ރައްކާތެރިކަމާ ގުޅިފައިވާ ނިންމުމެކެވެ.

މި ހުށަހެޅުންތަކާ ގުޅޭގޮތުން ދެ ގައުމުގެ މެދުގައި އެއްބަސްވުމަކަށް އާދެވޭނެ ކަމާމެދު ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.