ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދު، ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ސްރީލަންކާއަށް ވަޑައިގަތުމުން ކޮލަމްބޯގެ ބަންޑާރަނަޔަކަ އިންޓަރނޭޝަނަލް އެއަރޕޯޓް (ބީ.އައި.އޭ) އިން އެދެކަނބަލުންނަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
ބަންޑާރަނަޔަކަ އިންޓަރނޭޝަނަލް އެއަރޕޯޓުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އިސްތިގުބާލުކުރެއްވީ، ސްރީލަންކާގެ ބޮޑުވަޒީރު، ޑރ. ހަރިނީ އަމަރަސޫރިޔާއެވެ. މި އިސްތިގުބާލުގައި ރައީސަށް ރަތް ދޫލައިގެ މަރުޙަބާއެއް ކިޔާފައިވާއިރު، މި އިސްތިގްބާލުން ދައްކުވައިދެނީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ގާތް އަދި ބަދަހި ގުޅުމެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި، ސްރީލަންކާގެ ސަގާފީ ހަރަކާތްތަކެއް ހިމެނޭހެން މަރުޙަބާ ވިދާޅުވުމުގެ ހާއްސަ ރަސްމިއްޔާތެއް އެއަރޕޯޓުގައި ވަނީ ކުރިއަށްގެންގޮސްފައެވެ. މި ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެއަރޕޯޓުގެ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ފުރަމާނަ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގެންނެވުން#MaldivesSriLanka pic.twitter.com/06j59OtjAV
— The President's Office (@presidencymv) May 3, 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހިނގާ މޭ މަހުގެ 3 އިން 6 އަށް ކުރައްވާ މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!