ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްގެން ދޫކުރާ ފްލެޓްތަކަށް ކުރިމަތިލާއިރު، އެއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަން ކަށަވަރުކުރުމަށްޓަކައި އެންސްޕާއިން ދޫކޮށްފައިވާ ކާޑު ހުށަހެޅޭނެ ކަމަށް ހައުސިން އެންޑް ކޮންޓަރަކްޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާއިރު، އެމީހަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން ސާބިތުކޮށްދިނުމަށް އެންސްޕާގެ ވަކި ޚާއްޞަ ލިޔުމެއް ހޯދަން ނުޖެހޭނެ ކަމަށެވެ. އޭގެ ބަދަލުގައި އެ ފަރާތަކަށް އެންސްޕާއިން ދޫކޮށްފައިވާ ރަސްމީ ކާޑު ހުށަހެޅުމުން އެކަން ފުރިހަމަވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މި ކެޓަގަރީން ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. ސަރުކާރުން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ ޝަރުތުތަކަށް ކުރިން އޮތް އުސޫލަށްވުރެ ބޮޑެތި ލުއިތަކެއް ދީފައެވެ.
އެގޮތުން، އާންމު އުސޫލުން މާލޭގެ ބޯހިޔާވަހިކަމަށް ކުރިމަތިލާއިރު މާލޭގައި 15 އަހަރު ދިރިއުޅެން ޖެހުނު ނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލޭގައި މެދުނުކެނޑި 5 އަހަރު ދިރިއުޅެފައިވާނަމަ މިހާރު ފްލެޓަށް ކުރިމަތިލެވޭނެއެވެ. އަދި ނުކުޅެދުންތެރިކަމާ ގުޅިގެން ސިއްހީ ޚިދުމަތާއި އެހެނިހެން ޚިދުމަތްތައް ހޯދުމަށް މާލެއަށް ބަދަލުވެފައިވާ މީހުންނަށް ވެސް މި ފުރުސަތު އޮންނާނެ ކަމަށް ހައުސިން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މި ބަދަލަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށްޓަކައި ގެނައި މުހިންމު ބަދަލެކެވެ. މީގެ ސަބަބުން ގިނަ ބަޔަކަށް ފަސޭހަކަމާއެކު ފްލެޓަށް ކުރިމަތިލުމުގެ މަގު ފަހިވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!