އޭނާގެ ނިޔަތަކީ އީރާނުގެ ތެޔޮ ވަޅުތައް ކޮންޓްރޯލް ކުރުން ކަމަށާއި، ނަމަވެސް އެމެރިކާގެ ރައްޔިތުން ބޭނުންވަނީ ހަނގުރާމަ ހުއްޓާލައި ސިފައިން އަނބުރާ ގައުމަށް ގެންނަންކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ވައިޓް ހައުސްގައި ހޯމަ ދުވަހު ބޭއްވި "އީސްޓަރ އެގް ރޯލް" ހަރަކާތުގެ ތެރެއިން ނޫސްވެރިންނާ ވާހަކަދައްކަވަމުން، ޓްރަމްޕް ވަނީ އެހެން ވިދާޅުވުމަށްފަހު އެމެރިކާގެ ސިފައިން އަނބުރާ ގެންނަން އެދޭ މީހުންނަކީ ބަދުނަސީބު ބަޔެއްކަމަށް ވިދާޅުވެފައެވެ.
ބޮޑު "އީސްޓަރ ބަނީ" މަސްކޮޓެއްގެ ކައިރީގައި ހުންނަވައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުގައި ހިންގާ "އޮޕަރޭޝަން އެޕިކް ފިއުރީ" ނިންމާލުމުގައި އެމަނިކުފާނު އެންމެ ބޭނުންފުޅުވާ ގޮތަކީ އެ ގައުމުގެ ތެޔޮ މިލްކުކުރުން ކަމަށެވެ.
ޓްރަމްޕްގެ ވާހަކަފުޅުގައި އެމަނިކުފާނު ގެންގުޅުއްވާ "އެމެރިކާ ފަސްޓް" ސިޔާސަތު ވަނީ ވަރަށް ބޮޑަށް ހާމަކޮށްދެއްވާފައެވެ.
"އަހަރެންގެ އިޚްތިޔާރުގައި އޮތް ނަމަ، އަހަރެން ކުރަން ބޭނުންވަނީ ކޮން ކަމެއް؟ ތެޔޮ ނެގުން، ސަބަބަކީ އެއީ ނެގެން އޮތް އެއްޗަކަށް ވާތީ، އެކަމާ ދެކޮޅަށް އެމީހުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް،" ޓްރަމް ވިދާޅުވިއެވެ.
ނަމަވެސް، އެމެރިކާގެ އާންމު ރައްޔިތުން ހަނގުރާމައަށް ފޫހިވެ، ސިފައިން އަނބުރާ ގައުމަށް ގެންނަން ބޭނުންވާކަން ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނުގެ ދެކުނުގެ ތެޔޮ ވަޅުތައް ހިފުމަކީ ބޮޑު އާމްދަނީއެއް ލިބުމުގެ އިތުރުން، އީރާނުން އެ ސަރަހައްދުގެ ހަނގުރާމަވެރި ޖަމާއަތްތަކަށާއި ނިއުކްލިއާ މަޝްރޫއުތަކަށް ކުރާ ޚަރަދުތައް ހުއްޓުވޭނެ ކަމެއްގެ ގޮތުގައި ޓްރަމްޕް ސިފަކުރެއްވިއެވެ. ވޭތުވެދިޔަ 34 ދުވަހު ދީފައިވާ ބޮޑެތި ހަމަލާތަކާ އަޅާބަލާއިރު، މިއީ އަސްކަރީ ގޮތުން ކުރަން މާ އުނދަގޫ ކަމެއް ނޫން ކަމަށްވެސް ޓްރަމްޕް ދައުވާ ކުރެއްވިއެވެ.
މި ވަގުތު 45 ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމުގެ ހުށަހަޅުމެއް މޭޒުމަތީގައި އޮތްކަން ޓްރަމްޕް ކަށަވަރުކޮށްދެއްވިއެވެ. އެއީ މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވި ނަމަވެސް، އެކަމަށް އަދި ރަސްމީކޮށް ރުހުން ދެއްވާފައެއް ނުވެއެވެ. އަނެއްކޮޅުން ތެހެރާނުން ވަނީ މިއީ އެމެރިކާގެ "މަޅިއެއް" ކަމަށް ބުނެ އެ ހުށަހެޅުމަށް ފާޑުކިޔާފައެވެ.
ޓްރަމްޕް ވަނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރު.ޖީ.ސީ) އަށް ވަރުގަދަ އިންޒާރެއްވެސް ދެއްވާފައެވެ. އެގޮތުން، ކަނޑުއޮޅި ފުރިހަމައަށް ހުޅުވާނުލައިފިނަމަ، އީރާނުގެ ޕަވަރ ޕްލާންޓްތަކާއި ބްރިޖްތައް ހަލާކުކޮށްލާނެ ކަމުގެ ބިރު ވަނީ ދައްކަވާފައެވެ. މިއީ އާންމުންގެ ޚިޔާލުތަކުގެ ސަބަބުން ސިފައިން ބާލަން މަޖުބޫރުވުމުގެ ކުރިން، އީރާނަށް "މެކްސިމަމް ޕްރެޝަރ" ކުރިމަތިކުރުމުގެ އިސްތިރާޖީއެއް ކަމަށް ބެލެވެއެވެ.
މި ހުރިހާ ވާހަކަތަކަކާއެކު، ޓްރަމްޕް މަސައްކަތް ކުރައްވަނީ އަމިއްލަފުޅަށް "ރަނގަޅު މީހާ އަދި ގޯސް މީހާ" ގެ ރޯލު ކުޅުއްވައިގެން އީރާނު އެއްބަސްވުމަކަށް ގެނައުމަށެވެ. އެއްބަސްވުމަކަށް އަތުވެއްޖެނަމަ ސިފައިން ގެންނާނެ ކަމުގެ އުންމީދު ދެއްވާއިރު، މަޑުކޮށްގެން ތެޔޮ ނަގަން ބޭނުންވާ ކަމަށް ވިދާޅުވެ ފިއްތުންތައް ދަނީ އިތުރުކުރައްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!