ސައިކަލު ވިއްކާކަމަށް ބުނެ ގިނަ އަދަދެއްގެ މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ މައްސަލައެއްގައި، ކުންފުންޏަކާއި އެ ކުންފުނީގެ ވެރިޔާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުންގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް އިން މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްފަހު، ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ 2026 މާރިޗު 03 ވަނަ ދުވަހުއެވެ.

Ad
rt

ދައުވާކުރަނީ ކިންގްސްޓަން ހޯލްޑިންގްސް އާއި އޭގެ ވެރިޔާގެ މައްޗަށް

މި މައްސަލާގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށާއި، އެ ކުންފުނީގެ ވެރިޔާ ދ. ބަނޑިދޫ، ޕޯލާގްރޭސް، އަޙްމަދު ޢާޠިފް ޙަސަން (38އ) ގެ މައްޗަށެވެ.

މި މައްސަލައަކީ 2023 ނޮވެމްބަރު މަހުން ފެށިގެން ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސްގެ ފަރާތުން ސައިކަލް ވިއްކާކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގައި، މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތުކުރެވިގެން 2024 އޯގަސްޓް 08 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައެކެވެ.

150 އަށްވުރެ ގިނަ މީހުންނަށް މަކަރު ހަދާފައިވޭ

ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، މި މައްސަލާގައި ޖުމްލަ 158 ފަރާތެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވެއެވެ. އެގޮތުން ސައިކަލް ޕޭމަންޓުގެ ގޮތުގައި 7,193,764.00 (ހަތް މިލިއަން އެއްލައްކަ ނުވަދިހަ ތިންހާސް ހަތްސަތޭކަ ފަސްދޮޅަސް ހަތަރު) ރުފިޔާ އާއި 8,398.18 (އަށްހާސް ތިންސަތޭކަ ނުވަދިހަ އަށް ޑޮލަރު އަށާރަ ސެންޓް) ނަގާފައިވާކަން ތަހުގީގަށް ވަނީ ކަށަވަރު ކުރެވިފައެވެ.

މި މައްސަލައަކީ ގިނަ ބަޔަކަށް މާލީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ސީރިއަސް މައްސަލައަކަށްވާއިރު، މިހާރު މި މައްސަލަ ވަނީ ޕީޖީ އޮފީހުގައި ދައުވާކުރުމުގެ މަރުހަލާގައެވެ.