ގަލްފް ސަރަހައްދުގައި ހަރުކޮށްފައިވާ މިސައިލް ޑިފެންސް ސިސްޓަމްތައް ޑައިރެކްޓް ކުރުމަށް ބޭނުންކުރާ އެމެރިކާގެ 300 މިލިއަން ޑޮލަރުގެ މުހިއްމު ރޭޑާއެއް އީރާނުގެ ހަމަލާއެއްގައި ނައްތާލާފައިވާ ކަމަށް ބްލޫމްބާގް އިން ރިޕޯޓްކޮށްފިއެވެ.
ސެޓެލައިޓް ފޮޓޯތަކާއި އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ، 7 މާރިޗު 2026 ގައި އާންމުކުރި މި ރިޕޯޓަކީ އެމެރިކާ-އިސްރާއީލް ކޯލިޝަންގެ ވައިގެ ދިފާއީ ނިޒާމަށް ލިބުނު ވަރުގަދަ ހަމަލާއެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
މި ހަމަލާގައި ހަލާކުކޮށްލާފައިވަނީ ތާޑް (THAAD - Terminal High Altitude Area Defense) ނިޒާމުގެ މައިގަނޑު ބައެއް ކަމަށްވާ AN/TPY-2 ރާޑަރެކެވެ. މި ރާޑަރ ހަރުކޮށްފައި ހުރީ އުރުދުންގެ މުވާފަގު ސަލްތީ އެއާ ބޭސްގައެވެ. މީގެ މައިގަނޑު އިސްތިރާތީޖީ ބޭނުމަކީ މުޅި ގަލްފް ސަރަހައްދުގައި ހަރުކޮށްފައިވާ މިސައިލް ދިފާއީ ނިޒާމުތަކަށް ދުރު ރާސްތާގެ މައުލޫމާތާއި އިރުޝާދު ފޯރުކޮށްދިނުމެވެ.
ރިޕޯޓްތައް ބުނާގޮތުގައި މި ރާޑަރ ހަލާކުކޮށްލާފައިވަނީ ފެބްރުއަރީ މަހުގެ ފަހުކޮޅު އީރާނުން ދިން ސީދާ އަމާޒަށް ދަތުރުކުރާ މިސައިލް ހަމަލާއެއްގައެވެ. އަސްކަރީ މާހިރުން ސިފަކުރާ ގޮތުގައި، މި ރާޑަރ ހަލާކުކޮށްލުމަކީ މިހާތަނަށް މި ހަނގުރާމައިގައި އީރާނުން ދިން އެންމެ ކާމިޔާބު އެއް ހަމަލާއެވެ.
މި ރާޑަރ ގެއްލުމުން، ޖައްވުގެ މަތީ ފަށަލައިން އަންނަ ބެލިސްޓިކް މިސައިލްތައް ދެނެގަތުމުގައި އެމެރިކާ-އިސްރާއީލް ކޯލިޝަނަށް "ލޯފަން" ސަރަހައްދެއް ވަނީ އުފެދިފައެވެ. މީގެ ސަބަބުން، މިސައިލްތައް ހުއްޓުވުމުގެ ބުރަ އުފުލަން ޖެހެނީ ކުރު ރާސްތާގެ ޕެޓްރިއަޓް ނިޒާމުތަކަށެވެ. ނަމަވެސް އެ ނިޒާމުތަކަށް ބަލައިގަނެވޭ ސަރަހައްދު ކުޑަވެފައި، ހަމަލާއަށް އިޖާބަދޭން ލިބޭ ވަގުތު މާ ކުޑަވުމަކީ އޮތް ބޮޑު ނުރައްކަލެކެވެ.
މިއީ ހަމައެކަނި ވަކިން ހިނގި ހާދިސާއެއް ނޫން ކަމަށާއި، އީރާނުން ދަނީ މެދުއިރުމަތީގައިވާ އެމެރިކާގެ މިސައިލް ދިފާއީ ނިޒާމުގެ "ސިކުނޑި" ތަކަށް އަމާޒުކޮށް ސިލްސިލާ ހަމަލާތަކެއް ދެމުންނެވެ. މިކަމުގެ ސަބަބުން "ޚަރަދުގެ ނުބައްދަލުކަން" ވެސް ވަނީ ފާހަގަވެފައެވެ. އެމެރިކާއިން ބިލިއަނުން ޚަރަދުކޮށްފައިވާ ހައި-ޓެކް ސެންސަރުތައް ގެއްލެމުންދާއިރު، އީރާނުން ބޭނުންކުރަނީ ނިސްބަތުން އަގުހެޔޮ މިސައިލާއި 20,000 ޑޮލަރުގެ ޝާހިދު ޑްރޯންތަކެވެ.
"އެމެރިކާ އަސްކަރިއްޔާއާއި އެގައުމުގެ ބައިވެރިންގެ އަތުގައި އެހެން ރާޑަރތައް ހުރި ނަމަވެސް، AN/TPY-2 ރާޑަރ ގެއްލުމަކީވެސް މުޅި ނިޒާމަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެއް ގޮތުގައި" ބްލޫމްބާގް ރިޕޯޓުގައި އެފް.ޑީ.ޑީ ގެ ރަޔަން ބްރޮބްސްޓް ފާހަގަކުރެއްވިއެވެ.
ޕެންޓަގަނުން މިހާރު ދަނީ އެ ސަރަހައްދަށް މޮބައިލް ރާޑަރ ޔުނިޓްތައް ފޮނުވުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ހޯރްމޫޒް ކަނޑުއޮޅި ބަންދުވެފައިވުމާއި، ވައިގެ ސަރަހައްދަށް އޮތް ނުރައްކަލުގެ ސަބަބުން މި ތަކެތި އުފުލުމުގެ ލޮޖިސްޓިކްސް ކަންކަން ވަނީ އިންތިހާއަށް އުނދަގޫވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!