ބޮޑީ ސްކޭނަރުގެ ސަބަބުން މާފުށީ ޖަލުން ކުރަމުން އައި ސްކޭމް ކޯލްތައް މަދުވެގެންދާނެ ކަމުގެ ޔަގީންކަން ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ދެއްވައިފި އެވެ.
މިޔަގީންކަން ވަޒީރު ދެއްވީ ރައީސް އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނެވެ. ޖަލުގެ ތެރެއަށް ސިއްރުން މަނާތަކެތި ވެއްދުން ހުއްޓުވުމަށާއި ޖަލުގެ ތެރޭން ކުރާ ސްކޭމް ކޯލުތައް ހުއްޓުވަން މާލެ އަތޮޅު މާފުށީ ޖަލުގައި ބަހައްޓާފައިވާ ބޮޑީ ސްކޭނަރު އިންސްޓޯލްކޮށް ބޭނުންކުރަން ފެށީ މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ނެވެ.
ވަޒީރު ވަނީ ޖަލުގައި ގައިދުވެފައި ތިބޭ ގައިދީން ފޯނު ބޭނުންކޮށްގެން ހިންގާ އެކިކަހަލަ ސްކޭމްތަކަށް އިޝާރާތްކުރައްވާ މި މައްސަލަ ހައްލު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަކުރައްވާފަ އެވެ.
"އެގޮތުން އެއް މަސައްކަތަކީ ސެންޓްރަލް ޕްރިޒަން ކޮމްޕްލެކެސް އެއް ހަދާ ބައިނަލްއަގްވާމީ ހަމަތަކަށް ފެތޭ ގޮތަށް އެތަނުގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި ޖަލުގެ ކަންކަން ތަރުތީބު ކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިޔުން. ދެވަނަ ކަމަކަށް އަޅުގަނޑުމެން ކުރަމުންމިދަނީ އެ އިންފްރާސްޓްރަކްޗަރ ނިމެންދެންވެސް މިވަގުތު ޖަލުތަކުގައި ހުރި ސެކިއުރިޓީ ބްރީޗްތައް ހައްލުކޮށް އެކަންކަމަށް ގެނެވޭނެ ޒަމާނީ ގޮތްތައް ހޯދަމުން މިދަނީ. އެގޮތުން މި މަހުގެ ވާނީ ބޮޑި ސްކޭނަރެއް އިންސްޓޯލްކޮށް މާފުށީ ޖަލަށް ވަދެ ނިކުމެ ހަދާ ގައިދީންނާއި ބައްދަލު ކުރަންދާ އާއިލާ މީހުންނާއި އަދި ޖަލު ބަލަހައްޓާ ފަރާތްތައްވެސް ހަށިގަނޑުގެ ކޮންމެ ތަނެއްގައި އެއްޗެއް ފޮރުވައިގެން ވެއްދިޔަސް މިހާރު ފެންނާނެ. " ވަޒީރު ޢަލީ އިޙުސާން ވިދާޅުވި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ މި ބޮޑީ ސްކޭނަރަކީ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ޖަލުގައި ބެހެއްޓުނު އެންމެ ފަހުގެ ޒަމާނީ ބޮޑީ ސްކޭނިން މެޝިނެއް ކަމަށެވެ. މިއީ މާފުށި ޖަލުގައި ބެހެއްޓުނު މިފަދަ ފުރަތަމަ މެޝިނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!