އެމެރިކާ އާއި އިސްރާއީލު ގުޅިގެން އީރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ޝަހީދުކޮށްލުމަށް 28 ފެބްރުއަރީ 2026 ގައި ދިން ހަމަލާތަކާ ގުޅިގެން އާންމުކޮށްފައިވާ އިންޓެލިޖެންސް ރިޕޯޓްތަކާއި ތަހުގީގީ މައުލޫމާތުތަކުގައިވާ ގޮތުން، އިސްރާއީލުގެ "އޮޕަރޭޝަން ރޯރިންގ ލަޔަން" އަދި އެމެރިކާގެ "އޮޕަރޭޝަން އެޕިކް ފިއުރީ" ގެ ނަމުގައި ހިންގި މި އޮޕަރޭޝަނުގައި ޚާމަނާއީ ޝަހީދުކޮށްލާފައިވަނީ، އެތައް އަހަރަކަށް ދެމިގެންދިޔަ، ސައިބަރ ޓެކްނޮލޮޖީއާއި ޖާސޫސީ ކަންކަން ބޭނުންކޮށްގެން ރޭވި ރޭވުމެއްގެ ދަށުންކަން ހާމަވެއްޖެއެވެ.

ޚާމަނާއީ ޝަހީދުކޮށްލުމާއި ގުޅިގެން މިހާތަނަށް އާންމުކޮށްފައިވާ އިންޓެލިޖެންސް ރިޕޯޓްތަކާއި ތަހުގީގީ މައުލޫމާތުތަކަށް ކުރުކޮށް ބަލައިލާއިރު،

Ad
rt

ތެހެރާނުގެ ޓްރެފިކް ކެމެރާ ނެޓްވޯކް ހެކްކުރުން

"ދަ ޓައިމްސް އޮފް އިސްރާއީލް" އާއި "ވޯލް ސްޓްރީޓް ޖާނަލް" އިން ހާމަކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ޖާސޫސީ އިދާރާގެ "ޔުނިޓް 8200" އިން ވަނީ ތެހެރާނުގެ މުނިސިޕަލް ޓްރެފިކް އަދި ސެކިއުރިޓީ ކެމެރާ ނެޓްވޯކްތަކަށް ވަދެ، އެތައް އަހަރެއް ވަންދެން އެ ނެޓްވޯކް އެމީހުންގެ ކޮންޓްރޯލްގެ ދަށުގައި ބާއްވާފައެވެ.

ބޮޑީގާޑުންނަށް ފާރަލުން

ޚާމަނާއީ އަކީ އާންމުކޮށް ފޯނު ފަދަ ޓެކްނޮލޮޖީގެ އާލާތްތައް ބޭނުންކުރައްވާ ބޭފުޅަކަށް ނުވާތީ، ޖާސޫސުން ފާރަލީ އޭނާގެ ސަލާމަތީ ކަންކަމުގައި އުޅޭ އައި.އާރް.ޖީ.ސީ (IRGC) ގެ އިސް ބޮޑީގާޑުންގެ މޫނުތަކާއި، އެމީހުން ދަތުރުކުރާ އުޅަނދުތަކުގެ ނަންބަރު ބޯޑުތަކަށެވެ.

ހަރަކާތްތެރިވާ ގޮތް ދެނެގަތުން

ޚާމަނާއީ ދިރިއުޅުއްވާ ސަރަހައްދުގެ ކެމެރާތަކުން ލިބުނު އެތައް އަހަރެއްގެ މައުލޫމާތު ދިރާސާކޮށްގެން، އެ ސަރަހައްދުގެ ސަލާމަތީ ފައުޖުތަކުގެ ހަރަކާތްތައް އިތުރުވާ ވަގުތުތަކަށް ބަލައި، މަތީ ފަންތީގެ ބައްދަލުވުމެއް ބާއްވާކަން ދެނެގަތުމުގެ ގާބިލުކަން އިސްރާއީލުން ހޯދިއެވެ.

ސީ.އައި.އޭ ގެ ޖާސޫސީ މަސްދަރު

ސައިބަރ މޮނިޓަރިންގްގެ އެހީގައި ހަމަލާދޭނެ "ވަގުތު" ކަނޑައެޅިއިރު، ހަމަލާދޭނެ "ތަން" ސީދާކޮށް ކަށަވަރުކޮށްދިނީ އީރާނުގެ ސަލާމަތީ އިދާރާތަކުގެ ތެރޭގައި ހުރި އެމެރިކާގެ ސީ.އައި.އޭ ގެ ޖާސޫސެކެވެ.

އިމާރާތުގެ ތެރޭގައި ހުރި ޖާސޫސު

"ނިއު ޔޯކް ޓައިމްސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ ސަލާމަތީ ބާރުތަކުގެ ތެރޭގައި ހުރި ސީ.އައި.އޭ ގެ މި މަސްދަރު ވަނީ، ހަމަލާ ދިނުމުގެ ކުޑަވަގުތުކޮޅެއް ކުރިން ޚާމަނާއީ އެ އިމާރާތުގެ ވަކި ބަންކަރެއްގައި ހުރިކަން ކަށަވަރުކޮށްދީފައެވެ.

ހޮނިހިރު ދުވަހުގެ ބައްދަލުވުން

މި ޖާސޫސު ދިން މައުލޫމާތުގެ ސަބަބުން، ހޮނިހިރު ދުވަހުގެ ހެނދުނު ބާއްވަން އޮތް ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ ބައްދަލުވުމެއްގެ ހަބަރު ލިބުނެވެ. މި މައުލޫމާތަކީ ނުހަނު ސީދާ މައުލޫމާތަކަށް ވުމުން، ކުރިން ރޭގަނޑުގެ ވަގުތެއްގައި ދޭން ރޭވި ހަމަލާ، ދުވާލުގެ ވަގުތަކަށް ބަދަލުކުރެވުނެވެ.

ހަމަލާ ދިނުން

ޚާމަނާއީ އާއި އޭނާގެ އިސް ފަސް މުޝީރަކު އެ އިމާރާތުގައި ތިބިކަން ކަށަވަރުވުމާއެކު، އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އެ ސަރަހައްދަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

ހަމަލާ

އެމެރިކާގެ އިންޓެލިޖެންސްގެ އެހީތެރިކަމާއެކު އިސްރާއީލުގެ އެފް-15 މަތިންދާބޯޓުތަކުން ވަނީ ބަންކަރުތައް ފޫއަޅުވާލާ ފަދަ ޚާއްސަ 30 އަށްވުރެ ގިނަ މިސައިލް އެ ސަރަހައްދަށް އުކާފައެވެ.

ކަށަވަރުވުން

އީރާނުގެ ސަރުކާރުގެ މީޑިއާތަކުން މާޗް 1 ގައި ޚާމަނާއީ އަވަހާރަވިކަން ކަށަވަރުކޮށްދީފައިވާއިރު، އޭގެ ފަހުން މާޗް 2 ގައި އޭނާގެ އަނބިކަނބަލުންވެސް އަވަހާރަވިކަން ވަނީ ހާމަކޮށްފައެވެ.

ހުޅަނގުގެ ޖާސޫސީ ދާއިރާތަކުން މި އޮޕަރޭޝަނަކީ ޒަމާނީ ތާރީޚުގައި ހިންގި ކާމިޔާބު އެއް އޮޕަރޭޝަންގެ ގޮތުގައި ސިފަކުރާއިރު، އީރާނުން ވަނީ މިއީ ގައުމަށް ގަދަރުވެރި ބައެއްގެ އެހީގައި ހިންގި "ލާއިންސާނީ ޓެރަރިސްޓް އަމަލެއް" ކަމަށް ބުނެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.