މާލޭގެ ބޮޑުތަކުރުފާނު މަގު، ބްރިޖް ލައިޓް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ޕޭމަންޓް މައްޗަށް އަރައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ 24 ފެބްރުއަރީ 2026 ވީ އަންގާރަ ދުވަހުގެ ރޭ ދަންވަރު 01:39 އެހާކަންހާއިރުއެވެ. މި އެކްސިޑެންޓް ހިނގި އިރު ސައިކަލުގައި ތިބީ ދެ ދިވެހިންނެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 19 އަހަރުގެ ފިރިހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.
މި ދެމީހުންނަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ފަހަތުގައި އިން 16 އަހަރުގެ ކުއްޖާ ވަނީ ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައެވެ.
ފުލުހުންގެ ތަހުގީގުން އެނގިފައިވާ ގޮތުގައި، އެކްސިޑެންޓްވި ސައިކަލު ދުއްވަން އިނީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެކެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!