މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ބަލިކޮށް، ޕްރެޒިޑެންޓްސް ކަޕް 2026 ގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް އޮޑި ސްޕޯޓްސް ކްލަބުން ރޭ ހޯދައިފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި ފޯރިގަދަ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

Ad
rt

މެޗު ފެށުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޓީމުގެ ކުޅުންތެރިންނާއި މެޗުގެ އޮފިޝަލުންނާ ބައްދަލުކުރައްވައި ސަލާމްކުރައްވާފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. އޮޑި ސްޕޯޓްސް އިން މެޗު ކާމިޔާބުކުރީ 5-6 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ މާޒިޔާއިންނެވެ. އެ ޓީމަށް ލަނޑު ކާމިޔާބުކޮށްދިނީ ނާއިޒް ހަސަން (ދާދު) އެވެ. ނަމަވެސް އޮޑި ސްޕޯޓްސްގެ ކީނޫ މާޝް ބްރައުން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްދިނެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި އޮޑި ސްޕޯޓްސްގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ބާނަބަސް ތޮތު، މާޝް ބްރައުން، އިސްލާމް ފެކްރީ، ގާނިއު އަޓަންޑާ އޮގުންބޭ އަދި އައިހު އެވެ.

މާޒިޔާގެ ޕެނަލްޓީތައް ކާމިޔާބުކުރީ ހަމްޒާ މުހައްމަދު (ހަމްޕު)، ނަޒީމް މަމަދުޒާދާ، މުހައްމަދު އިލާން އިމްރާން އަދި ރޭގަން އޮބެންގް އެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޗެމްޕިއަން އޮޑި ސްޕޯޓްސް ކްލަބަށް މުބާރާތުގެ ވާދައިގެ ތައްޓާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ.

ޕްރެޒިޑެންޓްސް ކަޕަކީ ރާއްޖޭގައި ބޭއްވޭ އެންމެ ދުވަސްވީ އެއް ފުޓްބޯޅަ މުބާރާތެވެ. މި މުބާރާތް އެންމެ ފުރަތަމަ ބާއްވާފައިވަނީ މީގެ 80 އަހަރު ކުރިން، 1946 ވަނަ އަހަރުގައެވެ.