މުދައްރިސުންނަކީ ދަރިވަރުންގެ ކުރިމަގަށް އެންމެ ބޮޑަށް މުހިންމު ފަރާތެވެ. މުދައްރިސޭ ކިޔަސް ޓީޗަރޭ ކިޔަސް އަދި ނޫން އެހެން ނަމެއް ކިޔަސް، ދަރިވަރަކަށް އެއްޗެއް އުނގަންނައިދޭ މީހަކީ އަހަންމިއްޔަތުކަން ބޮޑު މީހެކެވެ. އޭނާއަށް ފުރިހަމައަށް އިޙުތިރާމުދޭން ވާނެއެވެ.

އިސްލާމްދީނުގައި ތަރުބަވީ ފަރާތްތައް ލައްވައިފައިވަނީ ވަނީ، މައިންބަފައިންނަށްފަހު އެންމެ ބޮޑު އިޙުތިރާމާއި ޤަދަރު ލިބޭ ފަރާތުގެ ގޮތުގައެވެ. އެއީ މައިންބަފައިންނަށްފަހު ދަރިން ތަރުބިއްޔަތުކުރުމުގެ ޒިންމާ ބޮލުއަޅާ ބަޔަކީ މުދައްރިސުން ނުވަތަ ޓީޗަރުން ކަމަށް ވާތީއެވެ.

Ad
rt

ދިވެހިރާއްޖެ އެބޭފުޅެއްގެ ތަޢުލީމީ ޒިކުރާއަށް ދަރާފައިވާ ޚިދުމަތްތެރި މަޝްހޫރު ޢިލްމުވެރިޔާ ޝައިޚުލް އުސްތާޛް މުޙައްމަދު ޖަމީލު ދީދީ ލިޔުއްވި ދުރޫސުލް އަޚްލާޤު ފޮތުގައި ގެންނަވައިފައި ވެއެވެ. "ކުއްޖާގެ ފުރާނައާއި ބުއްދި ތަރުބިއްޔަތުކުރަނީ އެދުރު މީހާއެވެ. މައިންބަފައިން ގެންގުޅެ ބޮޑު ކުރަނީ ހަށިގަނޑެވެ. އެހެން ވީއިރު މައިންބަފައިންގެ ދަރުމަވަންތަވެރި ކަމަށްވުރެ އެދުރުމީހާގެ ދަރުމަވަންތަވެރިކަން މާ ބޮޑެވެ." (ދުރޫސުލް އަޚްލާޤް)

މިއަދު އަޅުގަނޑުމެންގެ ދަރިން ޠަޢުލީމު އުގެނުމަށާއި ތަރުބިއްޔަތު ހޯދުމަށް މި ފޮނުވާ މަދަރުސާ ތަކުގައި، ކިޔަވައިދެއްވަން ތިއްބަވާ މުދައްރިސުންނަށް ނުވަތަ ޓީޗަރުންނަށް ދޭން ޖެހޭ ޤަދަރާއި އިޙުތިރާމު، އެ ކުދިން ނުދޭކަން ވަރަށް ގިނަ ފަރާތްތަކުން އެބަ ފާހަގަކުރެއެވެ. މިއީ މި ކަން ހިނގާންޖެހޭ މަގެއް ނޫނެވެ. އަޅުގަނޑުމެންގެ ދަރިންނަށް ދުނިޔޭގެ ދިރިއުޅުމާއި އާޚިރަތުގެ ފަލާޙު އުނގަންނަވައިދެއްވަން އެ ތިއްބަވާ މުދައްރިސުންނަށް ކުރަންވީ އިޙުތިރާމު ކިޔައިދޭ ބަޔަކީ އަޅުގަނޑުމެން ބެލެނިވެރިން ކަމުގައި ވާން އެބަ ޖެހެއެވެ. މައިންބަފައިން މުދައްރިސުންނަށް އިޙުތިރާމާއި ޤަދަރު ދީގެން، ދަރިން ކުރިމަތީ ފުރިހަމަ ރިވެތި ނަމޫނާއެއް ދައްކަން އެބަ ޖެހެއެވެ.

އިހުގެ ޖީލުތަކުގައި ކިޔަވައިދޭ އެދުރު މީހާއަށް ކުރި އިޙުތިރާމު މިހާރު ކުރާތީ ނުފެނެއެވެ. ޒަމާނާ އެކު މި ކަންކަން ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ. ޤައުމުތަކުގެ އިޖްތިމާޢީ ފޭރާން ހަލާކުވަނީ މީގެ ސަބަބުންނެވެ. އަޙުލާޤީ މިންގަނޑުތައް ފަހަނަޅައިގޮސް ޤައުމީ މަސްލަޙަތު ގެއްލެނީ ވެސް މިހެންވެއެވެ. މިއީ މިއަދުގެ ދަރިވަރުންނާމެދު މުހިންމު ކަމެއް ކަމުގައި ދެކިގެން ކޮންމެ މަންމައަކާއި ބައްޕައަކު ވިސްނަންޖެހިފައި އޮތް ބޮޑު މައްސަލައެކެވެ. ޤައުމުގެ ވެރިން ވެސް މިކަމާމެދު ވިސްނައި ރަނގަޅު ޙައްލެއް ހޯއްދަވައިދެއްވަން ޖެހޭނެއެވެ.

މާދަމާގެ ޖީލު ބިނާކުރަން ތިބި މިއަދުގެ ދަރިވަރުންނަށް ޓީޗަރުންގެ އިޙުތިރާމު ދަސްކޮށްދޭށެވެ! ޤަދަރުކުރަން ދަސްކޮށްދޭށެވެ! މާދަމާގެ ޓީޗަރުންނަކީ ވެސް އެއީއެވެ.