ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުން ނޭޕާލް އަތުން 2-1 އިން މޮޅުވެ، ރާއްޖެއިން މުބާރާތުގެ ތަށި ހޯދުމުގެ އުންމީދު ބޮޑުކޮށްފިއެވެ.
ތައިލެންޑުގެ ނޮންތަބުރީ ޕްރޮވިންސް ސްޓޭޑިއަމް އިންޑޯ ހޯލުގައި މިއަދު ކުޅުނު މި މެޗުން މޮޅުވެ، ރާއްޖެއިން ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓް ހޯދާފައެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނަމަވެސް، ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ތިން މިނިޓް ތެރޭ ރާއްޖޭން ވަނީ ލީޑުނަގާފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. މިއީ އަހުމަދު ހަމީދު (އައްމަޑޭ) ކުރި ރަނގަޅު މަސައްކަތަކަށް ފަހު، ޝާއްޕެ އަށް ހުސްކޮށްލާފައި ދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.
ރާއްޖެއިން ލަނޑު ޖަހާފައިވަނިކޮށް، ނޭޕާލުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ނޭޕާލަށް ލިބުނު ކޯނަރަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ބިކްރާންތު އެވެ.
ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަކުޅުމެއް ފެންނަމުންދަނިކޮށް، މެޗުގެ އޮއިވަރު ބަދަލުވީ 13 ވަނަ މިނިޓްގައި ނޭޕާލުގެ އަމިތު ލާމާ އަށް ދެއްކި ރަތް ކާޑާ އެކުގައެވެ. އޭނާ އަށް ސީދާ ރަތް ކާޑެއް ދެއްކީ ރާއްޖޭގެ ޝާއްޕެ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.
ނޭޕާލުގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުން ލިބުނު ހިލޭ ޖެހުމުގައި، ރާއްޖޭގެ ކެޕްޓަން އިންމި ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ރާއްޖެ އަށް އަލުން ލީޑުނަގައިދީފައެވެ. މި ލަނޑާ އެކު ރާއްޖެއިން ވަނީ މެޗުގެ ނިމުމާ ހަމައަށް ލީޑު ދަމަހައްޓާފައެވެ.
މި މޮޅާ އެކު ރާއްޖެއަށް މިހާރު ޗެމްޕިއަންކަން ހޯދަން ބޭނުންވަނީ ބާކީ އޮތް ދެ މެޗުން އެންމެ ދެ ޕޮއިންޓެވެ. އެކަމަކު، މިއަދު ދެން އޮތް މެޗުން ބަންގްލަދޭޝް އާއި ޕާކިސްތާން އެއްވަރުވެއްޖެނަމަ، ބާކީ ދެ މެޗު އޮއްވައި ރާއްޖެ އަށް މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!