ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތްޕުޅާ މެދު 62 ޕަސެންޓް ދިވެހިން ހިތްހަމަޖެހޭކަން ބާނި ސެންޓާ ފޯ އިންޓަނޭޝަނަލް ޕޮލިސީ (ބާނި) އިން ހެދި ސާވޭއަކުން ދައްކައިފިއެވެ.

މި ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ މަހުގެ 23 އިން މި މަހުގެ އެކެއްގެ ނިޔަލަށް ވޯޓުލާ އުމުރުގެ ދިވެހިންގެ މެދުގަ އެވެ.

Ad
rt

ބާނިން އާންމުކޮށްފައިވާ މި ސާވޭގެ ނަތީޖާއިން ދައްކާ ގޮތުގައި ރައީސް މުއިއްޒަށް 24+ ނެޓް އެޕްރޫވަލް ރޭޓިންއެއް ލިބިފައިވެ އެވެ. ހިތްހަމަޖެހޭ ކަމަށް ބުނި 62 ޕަސެންޓްގެ ތެރެއިން 21 ޕަސެންޓް މީހުން ވަނީ ރައީސްގެ މަސައްކަތްޕުޅާ މެދު "ވަރަށް ބޮޑަށް" ހިތްހަމަޖެހޭ ކަމަށް ބުނެފަ އެވެ. އަނެއްކޮޅުން، ރައީސްގެ މަސައްކަތްޕުޅާ މެދު ހިތްހަމަނުޖެހޭ ނުވަތަ ވަރަށް ބޮޑަށް ހިތްހަމަނުޖެހޭ ކަމަށް 38 ޕަސެންޓް މީހުން ބުނެފައިވެ އެވެ.

މި ސާވޭގެ ނަތީޖާ ނެރެފައި ވަނީ 391 މީހުންނާ ރެންޑަމް ފޯން ކޯލް މެދުވެރިކޮށް އިންޓަވިއު ކޮށްގެންނެވެ. ޖިންސަށް ބަލާއިރު، ރައީސް މުއިއްޒަށް ފިރިހެނުންނަށް ވުރެ އަންހެނުންގެ ތާއީދު ބޮޑުކަން ސާވޭއިން ހާމަވެ އެވެ. ރައީސްގެ މަސައްކަތްޕުޅަށް ހިތްހަމަޖެހޭ ކަމަށް 64 ޕަސެންޓް އަންހެނުންނާއި 60 ޕަސެންޓް ފިރިހެނުން ބުނެފައިވެ އެވެ. ހިތްހަމަނުޖެހޭ ކަމަށް ބުނި މީހުންގެ ތެރޭގައި 40 ޕަސެންޓް ފިރިހެނުންނާއި 36 ޕަސެންޓް އަންހެނުން ހިމެނެ އެވެ.

އުމުރުފުރަ އަށް ބަލާއިރު، ރައީސް މުއިއްޒަށް އެންމެ ގިނަ ތާއީދެއް ލިބިފައިވަނީ 55 އަހަރުން މަތީގެ މީހުންގެ ފަރާތުންނެވެ. މި އުމުރުފުރާގެ 67 ޕަސެންޓް މީހުން ރައީސްގެ މަސައްކަތްޕުޅާ މެދު ހިތްހަމަޖެހޭ ކަމަށް ބުނެފައިވެ އެވެ. ޒުވާނުންގެ ތާއީދަށް ބަލާއިރު، 18-24 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން ރައީސްގެ މަސައްކަތްޕުޅަށް 50 ޕަސެންޓް މީހުން ތާއީދުކުރެ އެވެ.

ރައީސް މުޢިއްޒުގެ ވެރިކަމަށް އަދި ވެފައި ވަނީ ދެ އަހަރެވެ.