އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ކަނޑައެޅުން ތަންފީޒުކުރުމާގުޅޭ ގޮތުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމް.އެމް.ބީ.ސީ) އިން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއާ އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގެ ދަށުން، މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ރަސްމީކޮށް މީޑިއާ ކޮމިޝަނާ ވަނީ ހަވާލުކުރެވިފައެވެ.
މިކަމަށްޓަކައި ޔޫތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު އަހްމަދުއެވެ. އަދި އެމް.އެމް.ބީ.ސީގެ ފަރާތުން ސޮއިކުރެއްވީ ޙަމްދީ އަޤީލްއެވެ. މި ފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމުގެ ކަންކަން، ހަމަހަމަކަމާއެކު ދެފުށް ފެންނަ އިންސާފުވެރި ނިޒާމަކުން ކުރިއަށް ގެންދިއުމެވެ.
މި އަހަރަށް ކަނޑައެޅިފައިވާ ފައިސާ އަހަރު ނިމުމުގެ ކުރިން މީޑިއާތަކަށް ހަވާލުކުރުމުގެ މަސައްކަތްކުރުމުގެ ގޮތުން، އެމް.އެމް.ބީ.ސީން ދަނީ މީޑިއާތަކުގެ މަޝްވަރާއާއެކު މިކަމާގުޅޭ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ ކުރިން ޔޫތު މިނިސްޓްރީން އެކުލަވާލި މީޑިއާ ބަޖެޓް ލިބޭ މީޑިއާތަކުގެ ލިސްޓަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވާތީ، އާ އުސޫލެއް އެކުލަވާލުމަށް ވަނީ ނިންމާފައެވެ.
އުސޫލު ކަނޑައެޅުމަށްޓަކައި، މި ވަގުތު ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކުގެ ފަރާތްތަކާއިއެކު މަޝްވަރާ ބައްދަލުވުމެއް 20 ޑިސެމްބަރ 2025 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 14:00 ގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ޔޫތު މިނިސްޓްރީން ގެޒެޓްކޮށްފައިވާ އުސޫލު ނަންބަރު "މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާބެހޭ އުސޫލު" (މިހާރު އުވާލެވިފައިވާ އުސޫލަށް) ގެންނަން ފެންނަ ބަދަލުތައް، 21 ޑިސެންބަރު 2025 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން info@mmbc.gov.mv އަށް ފޮނުވުމަށް އެމް.އެމް.ބީ.ސީން ވަނީ އެދިފައެވެ.
ދައުލަތުގެ ބަޖެޓުން ޖުމުލަ 28 މިލިއަން ރުފިޔާ މީޑިއާތަކަށް ދޫކުރަން އެންމެ ފުރަތަމަ އިއުލާނުކުރީ 29 އޮކްޓޯބަރުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!