ހައި ކޯޓުގައި މި ވަގުތު ހުންނެވި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު މުހައްމަދު ނިޔާޒު، ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން މިއަދު ރިޓަޔަކުރަށްވައިފިއެވެ.

ހައި ކޯޓުން މިއަދު ބުނީ، ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒް، ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން މިއަދު ވަކިވެވަޑައިގެންފައިވާ ކަމަށެވެ.

Ad
rt

''ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ޝުކުރު ދަންނަވަން'' ހައި ކޯޓުން ބުނެފަވެއެވެ.

މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރެއްވި ފަނޑިޔާރު ނިޔާޒު ހައި ކޯޓަށް އައްޔަން ކުރެއްވީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

ނިޔާޒް ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުކަމާއި، ނައިބު ރައީސްކަމާއި، ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގެ މެމްބަރުކަން ވެސް ކުރަށްވާފައެވެ.

ފަނޑިޔާރު ނިޔާޒު، ފަނޑިޔާރު ކަމުން ރިޓަޔާކުރެއްވީ، 23 އަހަރު ޝަރުއީ ދާއިރާއަށް ހިދުމަތް ކުރެއްވުމަށް ފަހު އެވެ. ނިޔާޒު އެންމެ ފުރަތަމަ ފަނޑިޔާރުކަމަށް އައްޔަން ކުރީ 30 ސެޕްޓެމްބަރު 2002 ގައި ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަގާމަށެވެ. އޭގެފަހުން ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަން ކުރައްވާފައިވެ އެވެ.