އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ) އިންތިހާބުކޮށްފި އެވެ.

މިރޭ އެޕާޓީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި، ޖަލްސާގައި ބައިވެރިވި މެންބަރުންގެ ތެރެއިން 65 މެންބަރުން ވަނީ ތާއީދުކޮށްފަ އެވެ. ގަފޫރު އައްޔަންކުރެވުނީ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

Ad
rt

މި މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޕާޓީގެ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަންގެ މަގާމު ހުސްވެއްޖެނަމަ، އިންތިހާބެއް ބާއްވައި ދާއިމީ ބޭފުޅަކު ހޮވުމާ ހަމައަށް ވަގުތީ ބޭފުޅަކު އައްޔަންކުރަން ޖެހެ އެވެ.

މި މަގާމަށް ވަގުތީ ބޭފުޅަކު އައްޔަންކުރުމަށް މިދިޔަ މަހުގެ 29 ވަނަ ދުވަހު ވެސް ގައުމީ މަޖިލިސް ބާއްވައި ވޯޓް ނެގުނެވެ. ނަމަވެސް، އެ ވޯޓާ މެދު ހިޔާލު ތަފާތުވެ، ބައްދަލުވުން ހޫނުވެ، އެ ޖަލްސާ ނިންމާލަން ޖެހިފައިވެ އެވެ. އެދުވަހު މި މަގާމަށް ކުރިމަތިލެއްވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް، އަބްދުލްގަފޫރު މޫސާ އަދި ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު އެވެ.

ގަފޫރު ވަގުތީ ޗެއާޕާސަންގެ މަގާމަށް އައްޔަންކުރެވުމާއެކު، އެމްޑީޕީގެ ޗެއާޕާސަންގެ ދާއިމީ އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.