ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމުގެ ޤާނޫނީ އޮނިގަނޑު ކަނޑައަޅާ، ޒަކާތުގެ ބިލު މިއަދު ވަނީ ތަސްދީޤުކުރައްވާފައެވެ.

މި ޤާނޫނަކީ އިސްލާމްދީނުގައި ޒަކާތް ޝަރުޢުކުރައްވާފައިވާ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި، ޒަކާތް ދެއްކުމާއި، ބަލައިގަތުމާއި، ބެހުމުގެ ކަންކަން ހަރުދަނާކޮށް، ޒަކާތުގެ ނިޒާމު ހިންގާނެ އުޞޫލުތައް ކަނޑައެޅުމަށް އެކުލަވައިލެވުނު ޤާނޫނެކެވެ.

Ad
rt

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޒަކާތުގެ ފައިސާ ބެލެހެއްޓުމަށްޓަކައި "ޒަކާތު ފަންޑު" ގެ ނަމުގައި ފަންޑެއް އުފެދިގެންދާނެއެވެ. މި ފަންޑު ބަލަހައްޓާނީ މާލިއްޔަތާބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތީން، އެމް.އެމް.އޭ. ގައި ޤާއިމުކުރެވޭ ވަކި އެކައުންޓެއްގައެވެ. އަދި ފަންޑުގެ ކަސްޓޯޑިއަންއަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ.) އެވެ.

ޒަކާތު ފަންޑުގެ ފައިސާ ބޭނުންކުރެވޭނީ ޒަކާތުގެ ބެހެނިވެރިންނަށާއި ބޭނުންތަކަށް ދޫކުރުމަށް އަދި އިސްލާމީ ޝަރީޢާ ހުއްދަކުރާ ގޮތުގެމަތިން އިންވެސްޓްކޮށް ފައިދާ ހޯދުމަށް ކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. ކުރީގެ ޤާނޫނު (2006/3) ގެ ދަށުން ހިންގި ޒަކާތު ފަންޑުގައިވާ ހުރިހާ ފައިސާއެއް، އާ ޤާނޫނުގެ ދަށުން އުފެދުނު ފަންޑަށް ބަދަލުކުރެވޭނެއެވެ.

ޒަކާތުގެ ނިޒާމު ހިންގުމުގައި މުހިންމު ބަދަލުތަކެއް މި ޤާނޫނުގެ ދަށުން އަންނާނެއެވެ. ރާއްޖޭގައި ޒަކާތް ނެގުމާއި ބެހުމާ ގުޅޭ ޤައުމީ ސިޔާސަތު ކަނޑައަޅާނީ، އިސްލާމީ ކަންކަން ބަލަހައްޓާ ވުޒާރާގެ ވަޒީރުގެ ލަފާފުޅާއެކު، ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ޒަކާތުގެ ނިޒާމު ހިންގުން ވިލަރެސްކޮށް، މިނިސްޓަރަށާއި ޒަކާތު ހައުސްއަށް ލަފާ ދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޒަކާތު ކައުންސިލެއް އެކުލަވާލަން ޖެހެއެވެ.

މީގެ އިތުރުން، ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގައި "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދިގެން އަންނާނެއެވެ. ކުރިން މިނިސްޓްރީގެ ދަށުން ހިނގަމުންއައި ޒަކާތު ހައުސްގެ ހުރިހާ މަސްއޫލިއްޔަތުތަކާއި، މުދަލާއި ފައިސާއާއި، ޤާނޫނީ ހައްޤުތައް އާ ޤާނޫނުގެ ދަށުން އުފެދުނު މޯލްޑިވްސް ޒަކާތު ހައުސްއަށް ބަދަލުވާނެއެވެ.

ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އެކުލަވައިލައި ހިންގުމާގުޅޭ ކަންކަމުގައި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ޝަރުޢީ ލަފަޔާއި އިރުޝާދު ދޭނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއަކުންނެވެ.

ރައީސް މި ބިލު ތަސްދީޤުކުރެއްވުމާއެކު ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ވަނީ ޝާއިޢުކުރައްވާފައެވެ. ނަމަވެސް، މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ 2026 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ.