ރައީސް، ޑރ. މުޙައްމަދު މުޢިއްޒު، ކުރީގެ ރައީސުންނަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނަށް ގެނެވުނު ތިން ވަނަ އިޞްލާޙުގެ ބިލު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

މި ބިލަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައި، 2025 ޑިސެންބަރު 1 ވީ އާދީއްތަ ދުވަހު ފާސްކުރެއްވި ބިލެކެވެ.

Ad
rt

މި އިޞްލާޙުގެ މައިގަނޑު މަޤްޞަދަކީ، ރައީސުލްޖުމްހޫރިއްޔާކަން ނުވަތަ ނައިބު ރައީސުލްޖުމްހޫރިއްޔާކަން އަދާކޮށްފައިވާ ފަރާތްތަކަށް ލިބިދޭ ރައްކާތެރިކަމާއި ޢިނާޔަތްތައް ކަނޑައެޅުމާއި، އެކަންކަން ދިނުމުގެ އުސޫލުތައް ބަޔާންކުރުމެވެ. މި ބިލުގެ އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ، ކުރީގެ ރައީސުންނަށް އޮފީސް ހިންގުމަށް ދެމުން އައި ޚަރަދު ކަނޑާލުމެވެ.

އިތުރު އިޞްލާޙުތަކުގެ ތެރޭގައި ހިމެނޭ ގޮތުން، ކުރީގެ ރައީސަކު ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖެނަމަ ނުވަތަ ދައުލަތުގެ އެހެން މަޤާމެއް ހަވާލުވެއްޖެނަމަ، އެ މަޤާމުގައި ހުންނަ މުއްދަތުގައި އިނާޔަތްތައް ލިބުން މެދުކެނޑޭނެއެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ މުއްދަތުގައި، އެ ފަރާތަށް ރައްކާތެރިކަމާއި ޙިމާޔަތް ފޯރުކޮށްދިނުން ލާޒިމު ނުވާނެކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.

ޤާނޫނު އަސާސީގައި ބަޔާންކުރާ ގޮތަށް ރިޔާސީ ފަސް އަހަރުގެ ދައުރެއްގައި ނައިބު ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހުންނަށް ލިބިދޭ ރައްކާތެރިކަމާއި އިނާޔަތްތައް ވެސް މި ބިލުގައި ވަނީ ހިމަނާފައެވެ. މީގެ ތެރޭގައި މާލީ އިނާޔަތެއްގެ ގޮތުގައި މަހަކު 30,000 (ތިރީސް ހާސް) ރުފިޔާ އާއި، ދައުލަތުގެ ޚަރަދުގައި ރާއްޖެއާއި ރާއްޖެއިން ބޭރުން ޞިއްޙީ ޚިދުމަތް ހަމަޖައްސައިދިނުން ހިމެނެއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ނުވަތަ ނައިބު ރައީސުލްޖުމްހޫރިއްޔާ މަޤާމުގައި ހުންނަވައިގެން ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެއްޖެނަމަ، އެ ވަގުތުން ފެށިގެން އެމީހާއަށާއި އަނބިމީހާ ނުވަތަ ފިރިމީހާއަށް މި ޤާނޫނުގެ ދަށުން ލިބޭ އެއްވެސް ރައްކާތެރިކަމާއި އިނާޔަތެއް ނުލިބޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

ރައީސް މުޢިއްޒު މި ބިލު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ.