ދިވެހިރާއްޖޭގެ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން އުފައްދާފައިވާ، ޓެކްސް އެޕީލް ޓްރައިބިއުނަލް (ޓީއޭޓީ) ގެ މެމްބަރުކަމަށް އައްޔަންކުރަން ފަސް ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.
މި ބޭފުޅުންނަށް ރުހުން ދީފައި ވަނީ މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 25 ވަނަ ޖަލްސާގައެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ފަސް މެމްބަރެއްގެ މަގާމުގެ މުއްދަތު އަންނަ ހޮނިހުރު ދުވަހު ހަމަވާތީ، އެ މަގާމުތަކަށް ކުރިމަތިލާން ރައީސް އޮފީހުން ހުޅުވައިލި އެވެ. އެ މަގާމަށް ކުރިމަތިލެއްވި 14 ބޭފުޅުންގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލީހަށް ފޮނުއްވާފަ އެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ މި ބޭފުޅުންނާ އިންޓަވިއުކޮށް، އެންމެ މަތިން މާކްސް ދިން ހަތް ބޭފުޅުންގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވާފަ އެވެ. މީގެ ތެރެއިން ރުހުން ދީފައިވާ ފަސް ބޭފުޅުންނަކީ:
- ހަސަން ނާސިހު އަހުމަދު، މާވަހި، ސ. ހިތަދޫ
- އުސާމާ މޫސާ ، ޗަމަން. ށ.ކޮމަންޑޫ
- ޝިފްޒާ އަބްދުލްގައްޔޫމް، ގަސްދޮށުގެ ، ގއ. ނިލަންދޫ
- އާއިޝަތު އިޝާ، ހުޅުމާލެ ފްލެޓް 88-2-02
- އަހުމަދު ޔާމީން، ބީޗްކޯނާ، ގދ. ގައްދޫ
މި ފަސް ބޭފުޅުންނަށް ވެސް ރުހުންދޭން ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަކިވަކިން ނެގި ވޯޓްތަކުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލް އެކުލެވިގެންވަނީ 5 މެންބަރުންގެ މައްޗަށެވެ. ޓްރައިބިއުނަލްއަށް މެންބަރުން އައްޔަންކުރާނީ، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. ޓްރައިބިއުނަލްއަށް އައްޔަންކުރެވޭ މެންބަރަކު އެ މަގާމުގައި ދެމިހުންނާނީ 5 އަހަރުދުވަހުގެ މުއްދަތަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޓްރައިބިއުނަލްއަށް މެންބަރުން އައްޔަންކުރަންވާނީ އާންމުކޮށް އިއުލާންކޮށްގެން ޓްރައިބިއުނަލްގެ މެންބަރުކަމަށް އެދި ހުށަހަޅާ އެންމެހާ ފަރާތްތަކުގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން އެ ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ރުހުންދޭ ބަޔަކަށް ކަމަށް ދިވެހިރާއްޖޭގެ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގައި ބުނެފަވެއެވެ.
ޓެކްސް އެޕީލް ޓްރިބިއުނަލަކީ ޓެކްސްއާބެހޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ހުށަހެޅޭ ޓެކްސްއާގުޅޭ މައްސަލަތައް ބެލުމަށް ދިވެހިރާއްޖޭގެ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު ދަށުން އުފެދިފައިވާ އިދާރާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!