ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ.

މިކަން އެމަނިކުފާނު އިޢުލާންކުރެއްވީ ހައްދުންމަތީ ގަމު ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މިއަދު ހަވީރު 5:15 ގައި ރ. ރަސްގެތީމުގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވުމާއެކު، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފުރިހަމަކުރެވިފައެވެ.

2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގައި އެއްވެސް ވަރަކަށް ފުލުހުންގެ ޚިދުމަތް ނެތް 66 ރަށް އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ފުލުހުންގެ ޚިދުމަތަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާކަމަށާއި، ކުރިން ފުލުހުންގެ ޚިދުމަތް ނެތް ރަށްރަށުގެ މީހުން އެ ޚިދުމަތަށް ބަރޯސާވާން ޖެހިފައި ތިބީ އަވަށްޓެރި ރަށްރަށަށް ކަމަށެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ފުލުހުންގެ އަމިއްލަ އިމާރާތުގައި ޚިދުމަތްދެނީ އެންމެ 17 ރަށުގައެވެ. އަދި އަމިއްލަ އިމާރާތް ނެތުމުގެ ސަބަބުން ޚިދުމަތް ދިނުމުގައި ދަތި އުނދަގޫތައް ކުރިމަތިވަމުން ދިޔަކަން ވެސް ފާހަގަކުރެއްވިއެވެ.

މި އަހަރު ނިމޭއިރު 130 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޢިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވަނީ މި ދައުރުގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ އަމިއްލަ އިމާރާތުގައި، ޤާއިމުވެ ތިބެ، ފުލުހުން ޚިދުމަތްދެމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.