ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހުގެ ދައުވަތަކަށް މިއަދު އިންޑިއާއަށް ފުރާވަޑައިގެންފި އެވެ.

ހޯމް މިނިސްޓްރީން ޓްވީޓްކޮށްފައިވާ ވީޑިއޯ އިންޓަވިއުއެއްގައި މިނިސްޓަރު އިމްރާން ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަކީ ވަރަށް ގާތް ގުޅުމެއް ކަމަށާއި ރާއްޖޭގެ ދާޙިލީ ސަލާމަތާއި ގުޅުންހުރި ކަންކަމުގައި ޒަމާނުންސުރެ ރާއްޖެއަށް ނުހަނު އެހީތެރިކަން އިންޑިއާއިން ފޮރުކޮށްދޭ ކަމަށެވެ. އަދި ރާއްޖެއާއި އިންޑިއާ އާ ދެމެދުގައި އޮތް ގުޅުން ފަހަކަށް އައިސް ހީނަރުވުމަށް ފަހުގައި އަލުން މި ގުޅުން ބަދަހި ކުރެވިގެން ދަނީ ދެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމުގެ ވިސްނުމުގެތެރޭން ކަމަށް އިމްރާން ވިދާޅުވިއެވެ.

Ad
rt

މި ދަތުރުގައި މިނިސްޓަރު އިމްރާން އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހުއާ ބައްދަލު ކުރައްވާގޮތައް ހަމަޖެހިފައި ވެއެވެ. މި ދަތުރުފުޅުގައި އިންޑިޔާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަން އަދި ރާއްޖޭގެ ދާހިލީ ސަލާމަތާ ރައްކާތެރިކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރު އިމްރާންގެ މި ދަތުރުފުޅުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ބައިވެރިވެ ވަޑައިގަންނަވައެވެ.