މިހާރު ކުރަމުންމިދާ ވިއްސާރައިގައި ކުޅުދުއްފުށި ސިޓީ އަށް މިއަދު ބޯކޮށް ވާރޭ ވެހި، 36 ގެއަކަށް ފެންވަދެ އެކި ވަރުގެ ގެއްލުން ލިބިފައިވާކަމަށް ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެއެވެ.\

މިކަމާއި ގުޅިގެން މޭޔަރ ޢާޠިފް މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއަދު ކުރަމުންދާ ވިއްސާރައިގައި މިހާހިސާބަށް 36 ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުން ލިބި، އޭގެ ތެރެއިން 1 ގޭގައި މިވަގުތު މީހުންނަށް ދިރިނޫޅެވޭވަރުވެފައިވާކަމަށެވެ.

Ad
rt

މިގޮތުން ރަށުގައި ފެންގަނޑު ކޮންޓްރޯލްކޮށް ރައްޔިތުންނަށާއި، ގެދޮރާއި މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމަށް މިވަގުތު 5 ސަރަހައްދެއްގައި ޕަންޕުޖަހައިގެން ފެންހިންދުމަށާއި، ބޮޑަށް ފެން ވަންނަ ގެތަކަށް ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ސިޓީ ކައުންސިލުންނާއި، ސިފައިން، ފުލުހުންނާއި، އާރުޑީސީގެ އިތުރުން ފަބްލިކް ވޯކްސް އަދި ދިވެހި ރެޑްކްރެސެންޓުން ކުރާކަމަށް މޭޔަރ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މޭޔަރ ޢާޠިފް ވަނީ ހުރިހާ ރައްޔިތުން ވެސް މި ވިއްސާރައަށް ސަމާލުވެ ފަރުދީގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.

''މޫސުން ލަފާކުރާގޮތުން އަދިވެސް ކުރިއަށް ވިއްސާރަވާން އޮތުމުން ހުރިހާ ރައްޔިތުންވެސް އެކަމަށް ސަމާލުވެ، ފަރުދީގޮތުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ ތައްޔާރަށް ތިބުމަށް އިލްތިމާސްކުރަން.'' މޭޔަރ މުޙައްމަދު ޢާޠިފް ވިދާޅުވެފައިވެއެވެ.

މޫސުން ގޯސްވުމާއެކު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫދުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު ވަނީ ވައިބާރުވުމާއެކު ކަނދުތައް ގަދަވެ، ވިއްސާރަކުރާނެކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް އެދި މޫސުމީ ސަމާލު ނެރެފައެވެ.