އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ޅައިމަގުގައިވެސް އަޅުއްވައިދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު އެރަށަށް ކުރެއްވި ޒިޔާރަތުގައި ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި އެރަށުގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމުކޮށްދެއްވުމުގެ އިތުރުން ކުރިއަށް އޮތް ތަނުގައި ރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރަށުގައި ސްވިމިންގ ޓްރެކެއް އެޅުމަށް ނިންމަވާފައިވާ ކަމަށާއި ރަށުގެ ކަރަންޓުގެ މައްސަލަ ފެނަކައިން މިހާރު ރާވާފައިވާ ތާވަލާ އެއްގޮތަށް ރަނގަޅު ކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ.

ރައީސް ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން އެރަށު ސްކޫލްގެ އޮފީސް އިމާރާތެއް އެޅުމަށް ނިންމަވާފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.

މި މަޝްވަރާ ބައްދަލުކުރެއްވުމުގައި ޅައިމަގު ރައްޔިތުންގެ ތެރެއިން ބައެއް ފަރާތްތަކުން ވަނީ، ރަށުގެ ބަނދަރު ހެދުމާއި، ޕްރީ ސްކޫލްގެ ފެންވަރު ރަނގަޅުކޮށްދެއްވުމާއި، ދިގުމުއްދަތެއްގައި ފައިސާ ދައްކާގޮތަށް ނަމަވެސް، އަމިއްލަ ގޯތީގައި ގެއެޅޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވައި، ތަރައްޤީގެ މުހިންމު ކަންކަން ކޮށްދެއްވުމަށް އެދިފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެއްކެވި ވާހަކަފުޅުގައި ރައީސް މުޢިއްޒު ވަނީ، މި ސަރުކާރުން ރަށްރަށުގައި ފައްޓަވާ މަޝްރޫޢުތައް ނިންމަވައިދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަންދެއްވާފައެވެ. އަދި މަޝްރޫޢުތަކުގެ ކަންކަން ހިނގަމުންދާގޮތުގެ ތަފްޞީލުތައް ސަރުކާރުން މިހާރު ދުވަހުން ދުވަހަށް ބައްލަވައި އަދި މޮނިޓަރ ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.