ހަމާސްއާއި އިސްރާއީލާ ދެމެދު ވެވުނު އާ އެއްބަސްވުމުގެ ދަށުން، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ 7 އަސީރުން މިއަދު މިނިވަންކޮށްފިއެވެ.

މި އަސީރުން ރެޑް ކްރޮސް މެދުވެރިކޮށް ޣައްޒާއިން އިސްރާއީލާ ހަވާލުކޮށްފައިވާއިރު، އަދި މިއަދު އިތުރު 13 އަސީރުން ދޫކޮށްލުމަށް ވަނީ ހަމަޖެހިފައެވެ.

Ad
rt

އިސްރާއީލުގެ ސިފައިން މަޢުލޫމާތު ދީފައިވާ ގޮތުގައި ދޫކޮށްލެވުނު 7 އަސީރުން މިހާރު ވަނީ އިސްރާއީލުގެ ސަރަހައްދަށް ގެންދެވިފައެވެ. ޖޯޑަންގެ އަމްމާނުން އަލް ޖަޒީރާގެ ނޫރު އޯދެހް ރިޕޯޓުކުރި ގޮތުގައި މި އަސީރުންގެ ހާލަތު ރަނގަޅު ކަމަށާއި، އެއްވެސް މެޑިކަލް އެހީތެރިކަމެއް ނެތި ހިނގާބިނގާވެ އުޅެވޭ ކަމަށް ބުނެފައިވެއެވެ.

މި އެއްބަސްވުމުގެ ދަށުން އިސްރާއީލުގެ ޖަލުތަކުގައި ތިބި 2،000 އާ ގާތްކުރާ ފަލަސްތީނު ރައްޔިތުން ދޫކޮށްލުމަށް އެއްބަސްވެފައިވާއިރު، ޣައްޒާއާއި ވެސްޓް ބޭންކްގެ ރައްޔިތުން ދަނީ މި ވަގުތަށް އިންތިޒާރު ކުރަމުންނެވެ.

އުތުރު ޣައްޒާގައި ހަލާކުވެފައިވާ ގެތަކަށް ފަލަސްތީނުގެ ރައްޔިތުން އެނބުރި ދަނިކޮށް، ބޭނުންވެފައިވާ އިންސާނީ އެހީ އެ ސަރަހައްދަށް މިހާރު ދަނީ ފޯރުކޮށްދެމުންނެވެ.

އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން ލާއިންސާނީ ހަމަލާތަކުގައި މަދުވެގެން 67،806 މީހުން ޝަހީދުވެ، 170،066 މީހުން ވަނީ ޒަޚަމްވެފައެވެ.

އިތުރު މަޢުލޫމާތުތަކަށް ބަލާއިރު، 2023 އޮކްޓޯބަރު 7 ގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގައި އިސްރާއީލުގެ 1،139 މީހުން މަރުވެ، 200 އެއްހާ މީހުން ބަންދުކުރިއެވެ.