ރިޕަބްލިކް އޮފް ސީޝެލްސްގެ އިންތިޚާބީ ރައީސް، ހިޒް އެކްސަލަންސީ ޑރ. ޕެޓްރިކް ހަރމިނީއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި، އިންތިޚާބީ ރައީސް ޑރ. ހަރމިނީއަށް ކާމިޔާބު އެދިވަޑައިގެން، އެމަނިކުފާނުގެ ޒަޢާމަތުގައި ސީޝެލްސްއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވެފަވެއެވެ.

Ad
rt

މީގެއިތުރުން، ދިވެހިރާއްޖެއާއި ސީޝެލްސްއާ ދެމެދު އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުމަށް އިޝާރާތްކުރައްވަމުން، ދެޤައުމުގެ ދޭދޭ މަސްލަޙަތު އެކުލެވޭ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ރައީސް މުޢިއްޒު ޝައުޤުވެރިކަން ފާޅުކުރައްވާފައިވެއެވެ.

ސީޝެލްސްގެ އިންތިޚާބީ ރައީސް ޑރ. ޕެޓްރިކް ހަރމިނީ އަކީ 2007 އިން 2016 އަށް އެ ގައުމުގެ ގައުމީ މަޖިލީހުގެ ރައީސްކަން ކުރަށްވާފައިވާ ބޭފުޅެކެވެ. އަދި 1998 އިން 2007 އަށް ގައުމީ މަޖިލީހުގެ ލީޑަރ އޮފް ގަވަރމަންޓް ބިޒްނަސް (މެޖޯރިޓީ ލީޑަރ) ގެ މަގާމު ވެސް އަދާކުރެއްވިއެވެ. ސީޝެލްސްގެ ''އިންގްލިޝް ރިވަރ އިންތިޚާބީ ދާއިރާ'' އިން އޭނާ ފުރަތަމަ ގޮނޑި ކާމިޔާބުކުރެއްވީ 1993 ވަނަ އަހަރު އެވެ.

އޭނާ އަކީ 2021 ވަނަ އަހަރުން ފެށިގެން ޔުނައިޓެޑް ސީޝެލްސް ޕާޓީ (އިންތިހާބުގެ ކުރިން އިދިކޮޅު މައި ޕާޓީ) ގެ ލީޑަރުގެ މަގާމު ވެސް އަދާކުރެއްވި ބޭފުޅެކެކެވެ.

ޕްރޮފެޝަނުން މެޑިކަލް ޑޮކްޓަރެއްގެ އިތުރުން ޕަބްލިކް ހެލްތުގެ ދާއިރާއިން މާސްޓާސް ޑިގްރީ ވެސް ހާސިލް ކުރައްވާފައިވާ، ޑރ. ޕެޓްރިކް ފުލްޓައިމް ސިޔާސީ ބޭފުޅަކަށް ވުމުގެ ކުރިން ވަނީ ހެލްތު މިނިސްޓްރީގެ އެކި މަގާމުތައް ފުރުއްވާފައެވެ.