ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ''އޮކްޓޯބަރ 3''ކިޔައިގެން ގައުމު ހަލަބޮލިކުރަން އުޅުނަސް ރައްޔިތުން އެ ފުރުސަތެއްނުދޭނެކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދު (ފަރޭ) ވިދާޅުވެއްޖެއެވެ.
ފަރުހަތު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފަރުހަތު ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީ ވެރިކަމުގައި ފެނަކައިން އެކަނިވެސް 2.2 ބިލިއަން ރުފިޔާ ވަނީ ''ލޫޓުވާލާފަ''އެވެ.
''މި މައްސަލަތައް ބަލާ ރައްޔިތުންނާއި ހިސާބަށް ތިލަވަމުން ދާތީ މި އެމްޑީޕީ އިން އޮކްޓޯބަރ 3 ކިޔައިގެން ގައުމު ހަލަބޮލި ކުރަން މިއުޅެނީ. ހަމަ ހިލާ ރައްޔިތުން އެމްޑީޕީ އަށް އެފުރުޞަތު ނުދޭނެ.'' ފަރުހަތު ވިދާޅުވެފަވެއެވެ.
އެމްޑީޕީ ވެރިކަމުގައި ފެނަކައިން އެކަނިވެސް 2.2 ބިލިއަން ރުފިޔާ މިވަނީ ލޫޓުވާލާފައި. މި މައްސަލަތައް ބަލާ ރައްޔިތުންނާއި ހިސާބަށް ތިލަވަމުން ދާތީ މި އެމްޑީޕީ އިން އޮކްޓޯބަރ 3 ކިޔައިގެން ގައުމު ހަލަބޮލި ކުރަން މިއުޅެނީ. ހަމަ ހިލާ ރައްޔިތުން އެމްޑީޕީ އަށް އެފުރުޞަތު ނުދޭނެ.
— Farhath Mohamed (@fareymaani1830) September 26, 2025
ފަރުހަތު މިފަދައިން ވިދާޅުވެފައިވާއިރު، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު (ޑޭވިޑް) ވެސް ވަނީ އެމްޑީޕީން އޮކްޓޯބަރ 3 ގައި ބާއްވަން އުޅޭ އިހުތިޖާޖާއި ގުޅިގެން ފާޑުވިދާޅުވެފައެވެ. އޭނާ ވަނީ ''''އެމްޑީޕީއިން ޤައުމު ދަރުވާލާ ލޫޓްވާލާފަ، ޤައުމު ފަނާކުރަނިވި ވެރިކަމެއްކޮށް މިއަދު ޤައުމު ލޫޓްވާލައިފިއޭ ކިޔާ މިއަދު ނުކުންނަން ހަޤީޤަތުގައި ލަދުގަންނަން ޖެހޭ'' ކަމަށް ވިދާޅުވެފައެވެ.
އޮޑިޓް އޮފީހުން އިއްޔެ އާންމުކުރި ފެނަކައިގެ 2021-2023 ހާއްސަ އޮޑިޓް ރިޕޯޓްގައި ފެނަކަ ކޯޕަރޭޝަނުން 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު ހިދުމަތާއި ތަކެތި ހޯދަން އެކި ފަރާތްތަކާ ހަވާލުކުރި 2.2 ބިލިއަން ރުފިޔާގެ މަސައްކަތުގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވާދަވެރި ބީލަމަށް ހުޅުވައި ނުލައި، އުސޫލުން ބޭރުން ކަމަށް ވަނީ ފާހަގަކޮށްފައެވެ. މިގޮތުން ފެނަކައިން އެ މުއްދަތުގައި 673 އެއްބަސްވުމެއްގައި ސޮއިކުރި އިރު އޭގެ ތެރެއިން 438 އެއްބަސްވުމަކީ ބީލަމަށް ހުޅުވައި ނުލައި ހެދި އެއްބަސްވުންތަކެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުގައި ފެނަކަ ކޯޕަރޭޝަނުގެ އެއިރުގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ސައީދު ވަނީ ފެނަކައަށް މުދަލާއި ހިދުމަތް ހޯދަން އޭނާގެ އާއިލީ ތިން ކުންފުންޏަކަށް 49.7 މިލިއަން ރުފިޔާގެ ކޮންޓްރެކްޓް ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!