ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދައި، އެފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ޤައުމީ ފެންވަރުގެ އޮޕަރޭޝަނެއް މިއަދު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ހަތަރު އަތޮޅެއްގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ފ. ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި އޮޕަރޭޝަންގެ ދަށުން ބޮޑެތި ރަށްރަށަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގާ ބިދޭސީން ހޯދައި، އެފަދަ ވިޔަފާރިތައް ބަންދުކޮށް، އެފަރާތްތައް ޑިޕޯޓްކުރެވޭނެ ކަމަށެވެ.

Ad
rt

މި މައްސަލައަކީ ގިނަ ދުވަސްވެފައިވާ މައްސަލައެއް ކަމުގައި ވީނަމަވެސް، މިހާތަނަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައި ނުވާކަން ފާހަގަކުރައްވައި، މިހާރުގެ ސަރުކާރުން 178،982 ބިދޭސީންގެ މަޢުލޫމާތު ހޯދައި، 8000 އަށްވުރެ ގިނަ ގަވާއިދާ ޚިލާފު ބިދޭސީން ޑިޕޯޓްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލައިގެ އިތުރުން، މަސްތުވާތަކެތީގެ މައްސަލަ އަދި ގޭންގު ކުށުގެ މައްސަލަތަކަކީވެސް ރާއްޖޭގައި މޫލާފައިވާ މައްސަލަތަކެއްގެ ގޮތުގައި ފާހަގަކުރައްވައި، މި މައްސަލަތައް ޙައްލުކުރުމަށް މޫނަށް ކަނދުރާއަށް ބެއްލެވުމެއްނެތި މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

އަދި މަސްތުވާތަކެތީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް ހުށަހަޅުއްވާނެ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"ކުރީގެ ސަރުކާރުތަކުން ފަހަތު ފަޔަށް ބުރަވި ކަމުގައި ވިޔަސް، މި ސަރުކާރުން އެއްވެސް ދުލެއް ނުދޭނެ. އަޅުގަނޑު ހިންގާނީ ޤާނޫނުގެ ވެރިކަން،" ރައީސް ވިދާޅުވިއެވެ.