ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބްރޫޝިއާ ޑޯޓްމަންޑާއި ޔުވެންޓަސް ބައްދަލުކުރި މެޗު އެއްވަރުވިއިރު، އާސެނަލްއާއި ޓޮޓްނަމްއިން ކުޅުނު މެޗުތައް ކާމިޔާބު ކޮށްފިއެވެ.
ޔުވެންޓަސްއާއި ޑޯޓްމަންޑް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 4-4 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި ޑޯޓްމަންޑްގެ ކަރީމް އަޑެޔޭމީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފައެވެ. ނަމަވެސް މެޗުގެ 63 ވަނަ މިނިޓުގައި ޔުވެންޓަސްގެ ކެނާން ޔިލްޑިޒް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މި މެޗުގައި ދެވަނަ ފަހަރަށް ޑޯޓްމަންޑަށް ކުރި ހޯދަދީފައިވަނީ މެޗުގެ 65 ވަނަ މިނިޓުގައި ފެލިކްސް އެންމޭޗާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ނަމަވެސް އޭގެ ދެ މިނިޓު ފަހުން ޔުވެންޓަސްގެ ޑުސާން ލަހޮވިޗް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް އެއްވަރުކޮށްފައެވެ.
މެޗުގެ 74 ވަނަ މިނިޓުގައި ޑޯޓްމަންޑަށް ތިންވަނަ ފަހަރަށް ލީޑު ނަގައިދީފައިވަނީ ޔާން ކޯޓޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް ރަމީ ބެންސެބައިނީ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްފައެވެ.
ޔުވެންޓަސް އިން އުންމީދާއިއެކު ކުޅެފައިވަނީ މި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ހަތަރުވަނަ މިނިޓުގައި ލަހޮވިޗް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްދީ އެ ޓީމަށް ހިތްހަމަޖެހުން ގެނެސްދީފައެވެ. އަދި އޭގެ ދެ މިނިޓު ފަހުން އިނގިރޭސިވިލާތުގެ ލޮއިޑް ކެލީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
ރޭ އެތުލެޓިކޯ ބިލްބާއޯގެ ދަނޑުގައި އާސެނަލުން ވަނީ އެ ޓީމްގެ މައްޗަށް 2-0 ގެ ނަތީޖާއިން ކުރި ހޯދާފައެވެ.
މި މެޗުގައި ބިލްބާއޯގެ އެޓޭކްތައް ހިފެހެއްޓުމުގައި އާސެނަލް ޑިފެންޑަރުން ރަނގަޅު ކުޅުމެއް ދެއްކިއެވެ. މެޗުގައި އާސެނަލް ކޮޅަށް ނަތީޖާ އަނބުރާލީ ބަދަލަކަށް ކުޅެން އެރި ކުޅުންތެރިންނެވެ. އެ ގޮތުން، 72 ވަނަ މިނިޓްގައި ގަބްރިއެލް މާޓިނެލީ ގޯލު ޖެހީ ލެއަންޑްރޯ ޓްރޮސާޑް ދިން ބޯޅައަކުންނެވެ. ދެ ވަނަ ގޯލުގައި ވެސް މި ކޮމްބިނޭޝަން ފެނުނުއިރު، 87 ވަނަ މިނިޓްގައި ޓްރޮސާޑް ލަނޑު ޖެހީ މާޓިނެލީ ދިން ބޯޅައަކުންނެވެ. ދެ ކުޅުންތެރިން ވެސް ކުޅެން ނުކުތީ ބަދަލަކަށެވެ.
ރޭ އަމިއްލަ ދަނޑުގައި ޓޮޓްނަމްއިން ވަނީ 1-0 ގެ ނަތީޖާއިން ސްޕެއިންގެ ވިޔަރެއާލް ބަލިކޮށްފައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ ހަތަރުވަނަ މިނިޓުގައި ވިޔަރެއާލްގެ ގޯލުކީޕަރު ލުއިޒް ޖޫނިއަރގެ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!