ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު" އަށް ބަންޑާރަނައިބުގެ އޮފީހުން އިސްލާހުތަކެއް ހުށަހަޅުއްވައިފިއެވެ.
މީގެ ތެރޭގައި ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމާއި، ވަގުތީ ގޮތުން ރަޖިސްޓަރީ ބާތިލްކުރެވޭ މާއްދާ އުނިކުރުން ހިމެނެއެވެ.
މި ބިލު މިހާރު އޮތީ ކޮމެޓީ މަރުހަލާގައެވެ. ބަންޑާރަނައިބު ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި، ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރެއަށް އިސްލާމްދީނާ ޚިލާފު ވާހަކަތަކާއި، އަޚުލާޤީގޮތުން ދަށު ދަރަޖައިގެ ވާހަކަތައް ފެތުރުން ހުއްޓުވުމުގެ މަސައްކަތް ހިމެނުމަށް ވެސް ވަނީ ހުށަހަޅުއްވާފައެވެ.
ކޮމިޝަނުގެ މެންބަރުން އައްޔަންކުރުމާއި ވަކިކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރު އުނިކުރުމަށް ވެސް އޭޖީ ވަނީ ހުށަހަޅުއްވާފައެވެ. މީގެ އިތުރުން، ކޮމިޝަނުގެ މެންބަރުންގެ ޝަރުތުތަކުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން ހިމެނުމަށް ވެސް ވަނީ ހުށަހަޅުއްވާފައެވެ.
ނޫސް ބަޔާން: މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލަށް ބަންޑާރަނައިބުގެ އޮފީހުން ހުށަހަޅާފައިވާ އިޞްލާޙުތަކާގުޅޭ
ލިންކް: https://t.co/vLxCnIbdqw pic.twitter.com/ENnICJOmfE
— AG Office Maldives (@AGOmv) September 10, 2025
މީޑިއާގެ ސުލޫކީ މިންގަނޑުތަކަށް ވެސް ވަނީ އިސްލާހުތަކެއް ހުށަހަޅުއްވާފައެވެ. މީގެ ތެރޭގައި ތެދު މައުލޫމާތު ހާމަކުރުމުގެ އިތުރުން، އިންސާފުވެރިކަމާއެކު ހާމަކަން ބޮޑު ގޮތެއްގައި ޚަބަރާއި މައުލޫމާތު ގެނެސްދިނުން ހިމެނެއެވެ. އަދި މީޑިއާތަކުގެ އެޑިޓަރުންނަކީ ކޮމިޝަނުން ކަނޑައަޅާ ޝަރުތުތަކެއް ފުރިހަމަވާ ބައެއްކަމުގައި ހަމަޖެއްސުމަށް އައު މާއްދާއެއް އިތުރުކުރުމަށް ވެސް ވަނީ ހުށަހަޅުއްވާފައެވެ.
މީގެ އިތުރުން ކޮމިޝަނުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި، ކޮމިޝަންގެ ލަފައާއެކު، ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ކޮމިޝަނަށް ވަކި މިންވަރެއް ކަނޑައެޅުމަށާއި އަދި މި ބިލުގައި ހިމަނާފައިވާ ޢާންމު ނިޒާމާއި، ޤައުމީ ސަލާމަތާއި، އިލެކްޓްރޯނިކް މީޑިއާގެ މާނަކުރުން އިތުރަށް ތަފްޞީލުކޮށް ހިމެނުމަށް ވެސް ބަންޑާރަނައިބުގެ އޮފީހުން ވަނީ ހުށަހަޅާފައެވެ.
މި އިސްލާހުތަކަކީ ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމަށާއި، މީޑިއާގެ ފެންވަރު މަތިކުރުމަށް އަމާޒުކޮށްގެން ހުށަހެޅިފައިވާ އިސްލާހުތަކެއް ކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!