ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން އިއްޔެ ވަކިކުރި ހުސައިން ފަހުމީ ރައީސް އޮފީހުގެ އިސް މަގާމަކަށް ހަމަޖައްސައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފަހުމީ ހަމަޖައްސާފައި ވަނީ މިނިސްޓަރެއްގެ ފެންވަރުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ.
ފަހުމީ އަކީ 27 އަހަރަށްވުރެ ގިނަ ދުވަހު ސްޓެލްކޯގައި ޚިދުމަތް ކުރަށްވާފައިވާ ބޭފުޅެކެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވެ، ނޮވެމްބަރު 2023ގައި ސްޓެލްކޯގެ އެމްޑީކަމާއި ހަވާލުކުރި ފަހުމީ އިއްޔެ މަގާމުން ވަކިކުރުމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީީ އެ މަގާމުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދެއްވިކަމަށްޓަކައި ރައީސަށް ޝުކުރު ދަންނަވާފައެވެ.
''ސްޓެލްކޯގެ ޚިދުމަތުގައި 27 އަހަރު ހޭދަކުރުމަށްފަހު، މި މުއައްސަސާގެ ޒިންމާދާރު ވެރިޔާގެ މަޤާމު އަޅުގަނޑާ ޙަވާލުކުރެއްވި ކަމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އަޅުގަނޑުގެ އިޚްލާޞްތެރި ޝުކުރު ދަންނަވަން، ސްޓެލްކޯގެ ކާމިޔާބީގެ ފަހަތުގައިވާ އެންމެ މުހިންމު ބާރަކީ، މި ކުންފުނީގެ އެގްޒެކެޓިވުންނާއި މުވައްޒަފުންގެ ބުރަ މަސައްކަތާއި ވަފާތެރިކަމެވެ. އެ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑުގެ ޚާއްޞަ ޝުކުރު ރައްދުކުރަމެވެ. އަޅުގަނޑުމެން އެކުގައި ޙާޞިލުކުރި އެންމެހައި ކާމިޔާބީތަކާމެދު އަޅުގަނޑު ފަޚުރުވެރިވަމެވެ.'' ފަހުމީ ވިދާޅުވެފަވެއެވެ.
ފަހުމީ ވަކިކުރުމަށްފަހު ސްޓެލްކޯގެ ވެރިޔަކަށް އިއްޔެ ހަމަޖައްސާފައި ވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ކުރީގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދެވެ. އެ މަގާމަށް ހަމަޖެއްސެވިއިރު ޝަމާހް ހުންނެވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!