އެމްޑީޕީ ސަރުކާރުގެ ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އެ ޕާޓީން މިއަދު ވަކިވެވަޑައިގެންފިއެވެ.

މަހްލޫފް ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއަށް ސިޓީއެއް ފޮނުއްވައި، 2015 އިން ފެށިގެން އެމްޑީޕީއަށް ޚިދުމަތް ކުރުމުގެ ފުރުސަތު ލިބުނުކަމަށް ޝުކުރު އަދާކުރައްވާފައެވެ.

Ad
rt

މަހްލޫފްގެ ސިޓީގައި ވިދާޅުވެފައިވަނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖެއަށް ގެނެސްދެއްވި ތަރައްގީގެ ބައިވެރިއެއްގެ ގޮތުން ކެބިނެޓްގައި ގިނަ މަސައްކަތްތަކެއް ކުރެއްވުނުކަމީ އުފާކުރައްވާ ކަމެއް ކަމަށެވެ.

"އަޅުގަނޑަށް ތާއީދުކޮށްދެއްވި އެންމެހާ ޕާޓީގެ ލޮބުވެތި މެންބަރުންނަށް މިފުރުސަތުގައި ޝުކުރު ދަންނަވަން. އަދި މިނިންމުމާމެދު އެއްވެސް މެންބަރެއްގެ ހިތްހަމަނުޖެހުމެއް އޮތްނަމަ އެކަމަށް މައާފަށްއެދެން،"

މަހުލޫފް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެ ދުވަސްކޮޅެއް ކުރިން މިހާރުގެ ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދެވި މަހްލޫފް، ފަހަކަށް އައިސް އެ އަޑު މަޑުވެފައިވެއެވެ. އަދި މަހުލޫފް ބޭއްވެވި ބެޑްމިންޓަން މުބާރާތެއްގެ ނިންމުމުގެ ރަސްމިއްޔާތަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަޑައިގެން، އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވެއެވެ.

މަހްލޫފްގެ ސިޔާސީ ދަތުރު ފެށިގެން އައީ ޑީއާރުޕީންނެވެ. އޭގެ ފަހުން ޕީޕީއެމް އުފެއްދުމުގައި އިސްކޮށް އުޅުއްވުމަށްފަހު، ރައީސް ޔާމީންގެ ވެރިކަމުގައި އެ ޕާޓީއާ ހިޔާލު ތަފާތުވުމާ ގުޅިގެން އެމްޑީޕީއާ ގުޅިވަޑައިގަތެވެ. އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފަސް އަހަރު ވަންދެން ޔޫތު މިނިސްޓަރުކަން ކުރެއްވި މަހްލޫފް، މިވަގުތު ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ ކުޅިވަރާ ގުޅުންހުރި ދާއިރާތަކުގައެވެ.

މަހްލޫފް އެމްޑީޕީން ވަކިވެވަޑައިގަތް ނަމަވެސް، އަނބިކަނބަލުން ނަޒްރާ ނަސީމް އަދިވެސް ހުންނެވީ އެ ޕާޓީގައި ކަމާއި، ސިޓީ ކައުންސިލްގެ ކޮންސަލްޓަންޓެއްގެ މަގާމުގައި ކަން ފާހަގަކޮށްލެވެއެވެ. މަހްލޫފްގެ ސިޔާސީ ކުރިމަގާ މެދު މިވަގުތު އެއްވެސް އެއްޗެއް ހާމަކުރައްވާފައެއް ނުވެއެވެ.